ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ދަފްތަރު ނރ. 439 / އިބްރާހިމް ސުހެއިލް (53އ) އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އޭނާ މަރުވެފައިވަނީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު 9:05 ގައި ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން ކަމަށާއި އޭގެ އިތުރުން އޭނާއަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ އޭނާ މަރުވުމާ ގުޅިގެން އެކަން އޭނާގެ އާއިލާއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އަންއައިސީ) އަށް މިހާރު އަންގާފައިވާނެ ކަމަށެވެ.



