ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަންވިލާތަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މި މަހުގެ 9 އިން 13 އަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ޖަރުމަންވިލާތުގެ ރައީސް ސްޓައިންމަޔާގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ރާއްޖެއާއި ޖަރުމަނުލިވާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން ”މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ“ ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަގުރީރު ކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށްވެސް ޒިޔާރަތް ކުރައްވައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.