ސަރުކާރުގެ މުސާރަދޭން ޕެންޝަން ފަންޑު ބޭނުންކޮށްގެން ނުވާނެ ކަމަށާއި މިދަނީ ކަނު ބަނދެވި ތިބެ، އަނދަވަޅަކަށް ވެއްޓެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ފައިސާ ޗާޕުކުރަން މަސައްކަތްކުރާ މައްސަލަ ފާހަގަކޮށް، ޕެންޝަން އޮފީހުގެ އިސް ތިން ބޭފުޅަކު އިސްތިއުފާދެއްވާފައިވަނިކޮށެވެ.
އެ މައްސަލައިގައި ޕެންޝަން އޮފީހުގެ ޗެއާމަން އަހުމަދު އިނާޒް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާދެއްވި އިރު، ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މީގެ ކުރިން އިސްތިއުފާދެއްވައިފައެވެ.
ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕެންޝަން ފަންޑެއް އުފެއްދީ ވަކި ހާއްސަ ބޭނުމެއް ފުއްދުމަށް ކަމަށާއި ވަޒީފާ އަދާކުރާ މީހުންގެ މުސާރައިގެ 14 ޕަސަންޓު ފަންޑަށް ޖަމާކުރުމަށް ކަމަށެވެ. އެ 14 ޕަސަންޓަކީ ވަޒީފާ އަދާކުރާ މީހާ ދޭ ހަތް ޕަސަންޓާއި ވަޒީފާ ދޭ ފަރާތުން ދޭ ހަތް ޕަސަންޓު ކަމަށް ވިދާޅުވިއެވެ.
”ސަރުކާރުފެ މުސާރަދިނުމަށް ނުވަތަ އެއްވެސް ރިކަރެންޓް ހަރަދަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެ ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ. އަޅުގަނޑުމެން މިދަނީ ކަނު ބަނދެވި ތިބެ، އަނދަވަޅަކަށް ވެއްޓެން،“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑުގެ ބޭނުމަކީ އެ ފައިސާ ރައްކާކޮށް، ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުން ކަމަށާއި އެއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެ ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ކޮންމެ މަހަކު ވެސް ޕެންޝަނަށް ދޭ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަންކަމަށް އިންވެސްޓުކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.




ގުޅުންހުރި
ދަރަންޏަކީ ގައުމީ މައްސަލައެއް، ސަރުކާރަށް އެކަނި ހައްލެއް ނުވާނެ: ނަޝީދު
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން މަޖިލީހުން ފާސްކޮށްފި