ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން ހެދުމަށް ނިންމައި، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައިވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ދިހަ ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ކަމަށެވެ.
ރާއްޖޭގެ ކޮންމެ ރައްޔިތަކީ، އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި ހަމަހަމަ ކަމާއެކު، ގާނޫނަކުން ކަނޑައަޅާ ހަމަޖައްސާނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކުވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ ޖަމާވާން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަންދާޒާ ކުރެވެނީ އެ އިންވެސްޓްމަންޓުން ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އަހަރުން ފެށިގެން ކަމަށާއި ހިސާބު ހަދާލާ އިރު، އެވްރެޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް، އަހަރަކު މަދުވެގެން، 400 އެމެރިކާ ޑޮލަރު ޖަމާވެގެންދާނެ ކަމަށެވެ.
މިސާލަކަށް ފަސް މެންބަރުންގެ އާއިލާއެއްގައި ނަމަ، އެ އާއިލާގެ ކޮންމެ މެންބަރެއް، މަދުވެގެން ދިހަ ރިސޯޓުގެ ޝެއާ ހޯލްޑަރަކަށް ވުމުގެ އިތުރުން، އެ އާއިލާއަށް އަހަރަކު މަދުވެގެން 2000 އެމެރިކާ ޑޮލަރު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



