ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ހުޅުވާލާފައިވާ ސްކީމަށް އަނބިމީހާ ނުވަތަ ފިރިމީހާގެ މާލެ ސަރަހައްދުގައި ގޯއްޗެއް އޮތް ނަމަ، އެމީހެއްގެ ޝަރުތު ހަމައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޝަކުވާ ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ”އާއިލީ ބޯހިޔާވަހިކަމުގެ“ ނަމުގައި އާ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެއާއި ވިލިމާލެއިން ތިން ކޮޓަރީގެ 7900 ފްލެޓް ދޫކުރުމާ ބެހޭ އުސޫލު އިއުލާންކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.
އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު، ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓްކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ނިންމާފައިވާ ކަމަށެވެ. އަދި 15000 ގޯތީގެ ތެރެއިން އެ ދެ ކެޓެގަރީން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން