ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު 

ފުރަތަމަ ޑިވިޝަނުން ކްލަބު ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީން ސްޓްރީޓްސް އިން މެޗު ފިކްސިންގެ އަމަލުތަކެއް ހިންގި ކަމަށް ވެލެންސިއާ އިން ތުހުމަތުކޮށްފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން އާއި ނިއު ރޭޑިއަންޓް ވާދަކުރަން އޮތް މެޗަށް ގްރީންގެ ކުޅުންތެރިން ހަމަނުވުމުން، ނިއު ރޭޑިއަންޓް މޮޅުވީ ކަމަށް ވަނީ ނިންމައިފައެވެ. އެ ނަތީޖާއާއެކު ވެލެންސިއާ ވަނީ ރެލިގޭޓުވެފައެވެ.

މީގެ ކުރިން ލީގުގައި ފުލުގައި އޮންނަ ދެ ޓީމަށް ކޮލިފިކޭޝަން ކުޅެގެން ފުރުސަތެއް އޮތް ނަމަވެސް، މިފަހަރު ވަނީ އެކަމަށް ބަދަލު ގެނެސްފައެވެ. އެއީ ލީގުގެ ފުލުުގައި އޮންނަ ދެ ޓީމު އޮޓޮމެޓިކުން ރެލިގޭޓްވާ ގޮތަށެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ރެލިިގޭޓްވެފައިވާ އިރު، ރެލިގޭޓްވާ ދެވަނަ ޓީމެއް ކަނޑައެޅެން އޮތީ ގްރީނުން ނިއުއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ފަސް ގޯލުގެ ތަފާތުން ނިއު އަތުން ބަލިވެއްޖެ ނަމަ، ގްރީން ރެލިގޭޓްވާ ގޮތަށް އޮތް ނަމަވެސް، މެޗަށް ހާޒިރުނުވުމުން އެ ޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުން ކަމަށް ވަނީ ނިންމައިފައެވެ. އެއާއެކު ގޯލުގެ ތަފާތުން ގްރީނަށް ވަނީ ކުރި ލިބިފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ވެލެންސިއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލީގުގެ އަށްވަނަ އާއި ނުވަވަނައަށް ވާދަކުރަނީ ކްލަބް ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ކަމަށްވެފައިވާ ހިނދު، ލީގުގައި ވެލެންސިއާ ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމިފައިވުމުން އޭގެ އެޑްވާންޓޭޖް ނަގައި ފަހުން ކުޅެން އޮތް މެޗަކަށް ގަސްތުގައި ހާޒިރުނުވެ ގްރީން ސްޓްރީޓްސް އަމިއްލައަށް މެޗުގެ ނަތީޖާ ކަނޑައެޅުމަކީ ވެލެންސިއާގެ ހައްގަކަށް އަރައިގަތުމުގެ އިތުރަށް ގަސްތުގައި ވެލެންސިއާ ރެލިގޭޓްކޮށްލުމުގެ ގޮތުން ކޮށްފައިވާ ހުތުރު އަމަލެއް ކަމަށެބެ.

އޭގެ އިތުރުން އެއީ މެޗުގެ އަނެއް ފަރާތުން ވާދަކުރަން އޮތް ނިއު އާއި ލީގުގައި ވާދަކުރާ އެހެން ބައެއް ކުލަބުތަކާއި އެ ކުލަބުތަކުގެ ކުޅުންތެރިންގެ ހައްގުތަކެއް ގެއްލިގެންދާނެ ފަދަ އަމަލެއް ކަމަށް ވެލެންސިއާގެ ބަޔާނުގައި ބުންޏެވެ.

”ދިވެހި ޕްރެމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން މެޗެއް ނުކުޅެ ދޫކޮށްލައިފިނަމަ އެ ޓީމަށް ބަލިވީ ކަމަށް ކަނޑައަޅާނީ ދެ ލަނޑުގެ ތަފާތަކުން ކަމަށެވެ. މި މާއްދާގެ އެޑްވާންޓޭޖް ނަގައި އަމިއްލައަށް ނަތީޖާ ކަނޑައެޅުމަކީ ވެސް މެޗުގެ ނަތީޖާ ފިކްސް ކުރުމެވެ. މިއީ ކުޅިވަރުގެ އަގުމާތްވި އަހުލާގާއި ހިލާފު ކަމެކެވެ. ކުޅިވަރަކީ ދެ ފަރާތުން ވާދަކޮށްގެން ނަތީޖާ ކަނޑައަޅަން ޖެހޭ ކަމެކެވެ. މެޗު ފިކްސިން އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އެންމެ ބޮޑު އަދަބު ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު އަމަލެކެވެ..،“ ވެލެންސިއާ އިން ބުންޏެވެ.

ވެލެންސިއާ އިން ބުނީ ގްރީން ސްޓްރީޓްސްގެ އެ އަމަލަކީ ގަސްތުގައި ކުލަބު ވެލެންސިއާގެ ހައްގެއް ނިގުޅައި ގަތުން ކަމަށްވުމުން، މެޗު ފިކްސިންގެ އެ މައްސަލަ ބަލައި، ވެލެންސިއާގެ ހައްގު ހޯދައިދިނުމަށް އެ ކުލަބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ގޮވާލާ ކަމަށެވެ. އަދި އެ މައްސަލަ ފީފާ އާއި އޭއެފްސީއަށް ވެސް ހުށަހަޅާނެ ކަމަށް ވެލެންސިއާ އިން ބުންޏެވެ.

Leave a Reply