ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި

ކުޅިވަރު ކުޅުންތެރީން ނުވަތަ އެތުލީޓުންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަން އިއުލާންކުރައްވާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން މިއަދު ފަށާފައިވާ ކަމަށާއި ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް އެ ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

”މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް. ކުޅުންތެރީންނަށް ހާއްސަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ،“ އެ މަނިކުފާނު ވިދާޅުވިއެވެ.

ގައުމީ ޓީމު ނުވަތަ ކްލަބަށް ކުޅެމުންދަނިކޮށް، އަނިޔާއެއް ވުމުން ކުޅުންތެރިންނަށް އެ ކުޅިވަރު ޖަމިއްޔާއަކުން ނުވަތަ ކްލަބުން އެހީތެރިކަން ފޯރުނުކޮށްދޭ މައްސަލައަކީ ތަކުރާރުކޮށް މީގެ ކުރިން ކުޅުންތެރިން ކުރަމުންދާ ޝަކުވާއެކެވެ. އެގޮތުން އަނިޔާއެއްވުމުން، ބޭސްފަރުވާ ކުރުމަށް ކުޅުންތެރިން ރާއްޖެއިން ބޭރަށް ގޮސް ސާޖަރީ ހަދަން އަމިއްލަ އަތުން ބޮޑު ހަރަދެއް ކުރަން ޖެހޭކަން ކުޅުންތެރިން ފާހަގަކުރެއެވެ. އެކަމާ ގުޅިގެން ހުނަރުވެރި ބައެއް ކުޅުންތެރިން ވެސް މީގެ ކުރިން ވަނީ ކުޅިވަރުތަކާ ދުރަށް ގޮސްފައެވެ.