ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް: ނަޝީދު

ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ އިނގިރޭސިވިލާތާއި އެމެރިކާއިން އެދޭ ގޮތަށް ކަމަށް ބެލެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައިވަނީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި އެގޮތުން ކުރީ ސަރުކާރުން 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް، ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދު ކަމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ އެ ވާހަކަފުޅުތަކަށްފަހު، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ސަވައިލަންސް އޮޕަރޭޝަނެއް ފަށާފައިވާކަން އެމްއެންޑީއެފުން ވެސް ވަނީ އިއުލާންކޮށްފައެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކޭ-ޗާގޯސް އެއްބަސްވުމަށް އެއްބަސްވެވަޑައިގަތީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނޫންކަމަށް އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ދައުވާ ބަލަންޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސިންނަށް މިހާރު ބުނެވޭނެ ކަމަށާއި ވީމާ ޗާގޯސް، މޮރިޝަސްއަށް ދެވެން ނެތް ކަމަށްވެސް ބުނެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޯސްޓްގާޑު އަމަލުކޮށްފައި އެވަނީ އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކު ކަމަށް ވެދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.