ސިފައިންގެ ޑްރޯންތައް ބޭނުންކުރަން ފެށުމުން ވަގަށް ވަންނަ އުޅަނދު މަދުވެއްޖެ: ގައްސާން

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ވައިގެ މަގުން ބެލެހެއްޓުމަށް އުފެއްދި ސިފައިންގެ އެއާކޯގެ ހިދުމަތާއެކު ގަވާއިދާ ހިލާފަށް ރާއްޖެ ވަންނަ އުޅަނދުތައް މަދުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާކޯ އުފެއްދެވީ 15 މާރިޗު 2024 ގައި ނެރުއްވި ގަރާރަކުންނެވެ. އެއާކޯ އުފެއްދެވީ 10 ޖޫން 2024 ގައެވެ. އަދި ފުރަތަމަ އެއާ ސްޓޭޝަން ”ގަން އެއާ ސްޓޭޝަން“ އިފުތިތާހުކުރީ 5 ނޮވެންބަރު 2025ގައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ، އެއާކޯގެ ހިދުމަތާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ގަވާއިދާ ހިލާފަށް ވަންނަ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.

”ކޯސްޓްކާޑް މެދުވެރިކޮށް އިންޓަސެޕްޓް ކޮށްގެން މި ހިފާ ގާނޫނާއި ގަވައިދާ ހިލާފަށް އަޅުގަނޑުމެންގެ އިގުތިސާދީ ސަރަހައްދު ތެރޭގައި ހަރަކާތްތެރިވާ މަސް ބޯޓުތައް ހިފުމުގެ ހުރިހައި އޮޕަރޭޝަންއެއްގައިވެސް ވައިގެ ސަރވޭލަންސް ލިބިފައިވޭ. މިކަން ރާއްޖޭގައި ފައްޓައިފިކަން ދުނިޔެއަށް އިނގިގެންދިއުމުން އަޅުގަނޑުމެންނަށް ފެންނަ ޓްރެންޑަކީ ގާނޫނާއި ގަވައިދާ ހިލާފަށް އިޤްތިޞާދީ ސަރަހައްދު ތެރޭގައި ހަރަކާތްތެރިވާ މަސް ބޯޓުތައް މަދުވަމުންދާކަން.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވާ ސިޔާސަތުގެ ތެރެއިން މިވަގުތު މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖޭގެ އުތުރުގައާއި ދެކުނުގައި އެއަރ ސްޓޭޝަންތައް ޤާއިމްކުރުމަށްކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި އައްޑޫ އަތޮޅު ގަމުގައި ތާރީހުގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އެއަރ ސްޓޭޝަންއެއް ޤާއިމްކުރެވިފައިވާކަމަށެވެ. އެތަނުން އޮޕަރޭޝަންތައް މިހާރު ކޮންމެ ދުވަހަކުހެން ހިންގަމުންދާކަމަށެވެ. މި ތަނުން ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކާއި ހަމައަށް 200 ނޯޓިކަލް މޭލު ބޭރާއި ހަމައަށް އުޅަނދުފަހަރު ބޭނުންކޮށްގެން ސަވޭލަންސް މަސައްކަތް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.