މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު

ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތުކޮށްފިއެވެ.

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ އަމީން މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ މަހުގެ 26 ގައެވެ. އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާއެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ (32އ) އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ކޯޓުން ފުރަތަމަ އަމުރުކޮށްފައިވަނީ އޭނާ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. އެ މުއްދަތު ހަމާވާތީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އިތުރު ދިހަ ދުވަހުގެ މައްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާގޮތުން އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ބެލެވޭ ކަމަށް ހެއްކަކު ބަޔާން ދީފައިވެއެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރަމުންދަނީ ގަވާއިދާހިލާފަށް ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.