ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން އޮތް މެޗަށް ހާޒިރުނުވުމުން، ކްލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް މެޗު ފިކްސިންގެ ތުހުމަތުކޮށް ކްލަބު ވެލެންސިއާއިން ހުށަހެޅި މައްސަލައިގައި ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް، ޓްރާންސްފާ ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގްރީން އާއި ނިއު ރޭޑިއަންޓް ވާދަކުރަން އޮތް މެޗަށް ގްރީންގެ ކުޅުންތެރިން ހަމަނުވުމުން، ނިއު ރޭޑިއަންޓް މޮޅުވީ ކަމަށް ވަނީ ނިންމައިފައެވެ. އެ ނަތީޖާއާއެކު ވެލެންސިއާ ވަނީ ރެލިގޭޓުވެފައެވެ.
މީގެ ކުރިން ލީގުގައި ފުލުގައި އޮންނަ ދެ ޓީމަށް ކޮލިފިކޭޝަން ކުޅެގެން ފުރުސަތެއް އޮތް ނަމަވެސް، މިފަހަރު ވަނީ އެކަމަށް ބަދަލު ގެނެސްފައެވެ. އެއީ ލީގުގެ ފުލުުގައި އޮންނަ ދެ ޓީމު އޮޓޮމެޓިކުން ރެލިގޭޓްވާ ގޮތަށެވެ.
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ރެލިިގޭޓްވެފައިވާ އިރު، ރެލިގޭޓްވާ ދެވަނަ ޓީމެއް ކަނޑައެޅެން އޮތީ ގްރީނުން ނިއުއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ފަސް ގޯލުގެ ތަފާތުން ނިއު އަތުން ބަލިވެއްޖެ ނަމަ، ގްރީން ރެލިގޭޓްވާ ގޮތަށް އޮތް ނަމަވެސް، މެޗަށް ހާޒިރުނުވުމުން އެ ޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުން ކަމަށް ވަނީ ނިންމައިފައެވެ. އެއާއެކު ގޯލުގެ ތަފާތުން ގްރީނަށް ވަނީ ކުރި ލިބިފައެވެ.
އެކަމާ ގުޅިގެން ވެލެންސިއާ އިން ވަނީ ގްރީނުން ވެލެންސިއާގެ ހައްގުތަކެއް ގެއްލުވާލައި، މެޗު ފިކްސިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށްބުނެ އެ މައްސަލަ އެފްއޭއެމްއަށް ހުށަހަޅައިފައެވެ. ނަމަވެސް ވެލެންސިއާގެ އެ ތުހުމަތުތައް ގްރީނުން ވަނީ ދޮގުކޮށްފައެވެ.
އެ މައްސަލައިގައި އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގު 2026/2025 ގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ގްރީން ސްޓްރީޓްސް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައި، އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެފްއޭއެމް ޑިސިޕްލިނަރީ ކޯޑުގެ ނުވަވަނަ މާއްދާގެ ދަށުން އެންމެ އަވަހަށް އަންނަ ޓްރާންސްފާ މާކެޓުގައި ގްރީން ސްޓްރީޓްސްއަށް ހަރަކާތްތެރި ނުވެވޭނެ ގޮތަށް ނިންމާފައިވާ ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.
ގްރީނުން އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، ހަރުކަށި އަދަބު ދޭނެ ކަމަށް އިންޒާރުވެސް އެފްއޭއެމުން ވަނީ ދީފައެވެ.
އެފޭއޭއެމުން ބުނީ ގްރީންގެ އެ މައްސަލަ ނިންމާފައިވާނީ ވެލެންސިއާއިން ހުށަހެޅި މައްސަލައަށްވެސް ރިއާޔަތް ކޮށްގެން ކަމަށެވެ.
އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހަތް ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ވެސް ގްރީން ސްޓްރީޓްސްއަށް ވަނީ ދީފައެވެ.
އެ މައްސަލައިގައި ވެލެންސިއާއިން މިއަދު ބުނީ އެފްއޭއެމުން ނިންމި ނިންމުން ގަބޫލުނުކުރާ ކަމަށާއި ގްރީނަށް ދީފައިވަނީ ވަރަށް ލުއި އަދަބެއް ކަމަށެވެ. އަދި އިސްތިއުނާފުކުރުމުގެ ފުރުސަތު ހަމައެކަނި ގްރީނަށް ދީފައިވުމުން ވެސް ވެލެންސިއާއިން ކަންބޮޑުވުން ފާޅުކުރިއެވެ.




ގުޅުންހުރި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ
އެފްއޭއެމް ހިޔާނަތް: އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްފި
ކޮރެއާގެ ކުންފުންޏަކަށް 1 މަސް ތެރޭ 3 މިލިއަން ޑޮލަރު ދައްކަން
ބީހައިވް ހޮޓަލަށް އެއްލައްކަ ޑޮލަރު ދެއްކުމަށް އެފްއޭއެމްއެގެ މައްޗަށް ހުކުމްކޮށްފި
ބައްސާމަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކޮށްފި، ސާބިތުވެއްޖެ ނަމަ 16