ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެފައިވާ ކަމަށާއި އެކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްލުކޮށްދެއްވަމުން ގެންދަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
ގަޟާއީ އަހަރު 2026 އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު ޣަނީ، ގަޟާއީ ބަޔާން އިއްވަވަމުން ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގޭގެ ހުރިހާ ފަނޑިޔާރުން، އެއްވެސް އިސްތިސްނާއެއް ނެތި، އެކީ އެއް މިސްރާބަކަށް އަމާޒުވެ ތިބެ އަދުލުއިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު ކެނޑިނޭޅި އަދާކުރަމުންދާ ކަމަށެވެ.
”ނަމަވެސް، ޝަރުއީ ދާއިރާއަކީ އެ ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އިސްކަން، ދޭންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ނުދެވި ދިގު މާޒީއެއް ފާއިތުވުމުގެ ސަބަބުން ކުރިމަތިވަމުން އައި ހުރަސްތައް މިހާރު ހިރާސްތަކަކަށް ބަދަލުވެފައިވާ ދާއިރާއެއް،“ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޣަނީ ވިދާޅުވީ ޝަރުއީ ދާއިރާގައި ހުރި ހުރަސްތަކާއި ހިރާސްތައް ރައީސްގެ ސަމާލުކަމަށް ގެނައުމަކީ ދުސްތޫރީ ޒިންމާއަކަށްވީ ހިނދުން ފެށިގެން އެ ޒިންމާ ފުރިހަމައަށް އަދާކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ހަމައެއާއެކު އެ ހިނދުން ފެށިގެން ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެކަންކަން ހައްލުކުރެއްވުމުގެ މަސައްކަތް ރައީސް ފައްޓަވާފައިވަނީ އަންދާޒާ ކުރެވުނު ވަރަށްވުރެ ހަލުވިކަމާއެކުގައިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.
އެގޮތުން އަދުލުއިންސާފު ގާއިމުކުރުމުގެ ބާރަކީ އެހެން ބާރަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއެކު މަސައްކަތްކުރާ ފުދުންތެރި ބާރަކަށް ހައްދަވައިދެއްވުމުގެ މަގުސަދުގައި ރައީސް ވަނީ ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޝަރުއީ ދާއިރާގެ ބަޖެޓުގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަން ހާމަކުރައްވައި، އެކަން 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހަގީގަތަކަށް ހައްދަވައިދެއްވާފައި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ގަޟާއީ އަހަރު 2026 އިފްތިތާހުކޮށްދެއްވީ ރައީސް މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މިނިސްޓަރުންނާއި މަޖިލިސް މެންބަރުން އަދި ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި