އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު ވެއްޖެ!

އެންމެންނަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި މިއަދު ވައި ނުސާފު ވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 163 ގައެވެ. އެއީ ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ އަދަދެވެ. އެއީ ރެޑް އެލާޓް ނެރޭ މިންގަނޑެވެ.

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.

އެޗްޕީއޭ އިން ބުނީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކާ މެދު ރާއްޖެ ތެރޭގެ އިތުރުން އުތުރުގެ އަތޮޅުތަކަށްވެސް ވައި ނުސާފެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހުވެސް ވައިނުސާފުވުމުގެ އަސަރު ރާއްޖެ ސަރަހައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.