ރޯދަމަހު ކެފޭ/ރެސްޓޯރަންޓުތައް ހުޅުވޭނީ މެންދަމު 3 އާ ހަމައަށް، ފިހާރަތައް މެންދަމު 1 އާ ހަމައަށް

ކުރިއަށް އޮތް ރަމަޟާން މަހު ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިއުލާންކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި ހަ ރޯދައިގެ ދުވަސްވަރު އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން މުދާ ވިއްކާ ތަންތަން މާދަމާއިން ފެށިގެން ހަ ރޯދަ ނިމެންދެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ 24 ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭގޮތަށް، ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ވެސް އެ ގަޑިތަކުގައި ކަމަށެވެ.