ފުލުހުންގެ ބަންދުން ދޫކޮށްލިތާ 24 ގަޑިއިރު ފަހުން އަނެއްކާވެސް ހައްޔަރުކޮށްފި

ފުލުހުންގެ ބަންދުން ދޫކޮށްލިތާ 24 ގަޑިއިރު ފަހުން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

އދ. މަހިބަދޫއަށް ނިސްބަތްވާ އެ މީހާ ހައްޔަރުކުރީ ވައްކަމުގެ ތުހުމަތުގައެވެ. އެ ތުހުމަތު އޭނާއަށް ކުރަނީ އޭނާ ދުއްވި ސައިކަލަކީ ހަފުތާއެއް ކުރިން ގެއްލިފައިވާ ސައިކަލެއް ކަމަށާއި ސައިކަލާބެހޭ ފުރިހަމަ މައުލޫމާތު އޭނާއަށް ކިޔައިދެވިފައިނުވާތީ ކަމަށް ބުނެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. އޭނާގެ ބަންދު އަމުރުގައިވާ ގޮތުން, އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނުމުންނެވެ.

ބަންދު މަޖިލީހުގައި ހައްޔަރުކުރި މީހާ ބުނީ, އޭނާއަކީ 9 ފެބްރުއަރީގައި ފުލުހުންގެ ބަންދުން ދޫކޮށްލި މީހެއް ކަމަށެވެ. އަދި އޭނާ ވަގަށް ނެގި ކަމަށް ބުނާ ސައިކަލަކީ ރައްޓެއްސެއްގެ ސައިކަލު ކަމަށާއި އެކަމުގެ ހެކި ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.

ބަންދު އަމުރުގައިވާ ގޮތުން, ހައްޔަރުކުރި މީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ހައްޔަރު/ ބަންދު ރެކޯޑް އޮތް މީހެކެވެ.