ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު

ކާބޯ ތަކެތީގެ އަގު ބޮޑުނުވެ އިތުރުވާ ޑިމާންޑާއި އެކުވެސް މިރަމަޞާން މަހު ތަކެތި ލިބޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގަ ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ކޮންސަލްޓެންޓް ޝުހާދު އިބްރާހިމް ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލްކޮށް ސްޓޭބަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ފާއިތުވި 2 އަހަރުގެ ތެރޭގައި ކުރެވިފައިވާކަމަށެވެ. އެގޮތުން އާންމުކޮށް ގޭބީސީތަކުގަ ކެއިންބުއިމުގައި ބޭނުންކުރާ 160 އައިޓަމް ހިމެނޭ ލިސްޓެއް އެކުލަވާލާ ކޮންމެ ހަފްތާއަކު އެތަކެތީގެ އަގުތަކަށް އަންނަ ބަދަލު ދެނެގަންނަމުންދާ ކަމަށް ޝުހާދު ވިދާޅުވިއެވެ.

ޝުހާދު ވިދާޅުވީ ކުރިން 3 ބާވަތް އޮތް އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް މިދިޔަ އޮކްޓޫބަރ މަހުގެ ތެރޭގައި އެސްޓީއޯއިން ގެނެސް ބާޒާރުގައި މިހާރު ދަނީ ވިއްކަމުންނެވެ. އަދި މިއަހަރު ރަމަޟާންމަހަށް ތައްޔާރުވަމުން ދާއިރު އެސްޓީއޯއިން އާބާދީ 3000 އިން މަތީގައި ހުރި ކޮންމެ ރަށެއްގައި އެޖެންޓުން އަދި 3000 އިން ދަށުގެވެސް އެޖެންޓުންގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިންނާނެކަން ޔަޤީންކުރާނެކަމަށެވެ. މާލެއާއި ހުޅުމާލޭގައި ޑިސްޓްރިބިއުޝަން ވެއަރހައުސްއެއް ހެދި މި ރަމަޟާންމަހަށް އެތަންތަން ބޭނުންކުރަން ފެށޭނެކަމަށް ޝުހާދު ވިދާޅުވިއެވެ.

ޝުހާދު ވިދާޅުވީ ރޯދަމަސް އަންނައިރު މިދިޔަ އަހަރެކޭ އެއްފަދައިން ކާބޯތަކެއްޗަށް އަންނަ ޑިމާންޑާއި އެކު އަގު ބޮޑުވުން ކޮންޓްރޯލްކުރެވިގެންދާނެކަމަށެވެ. “ މިފެށޭ ރަމަޞާން މަހުވެސް އަސާސީ ކާބޯތަކެތި ހެޔޮއަގެއްގައި އަދި ހަމަ ރަނގަޅު ކޮލެޓީގައި މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަން “ ޝުހާދު ވިދާޅުވިއެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓުގައި މީގެކުރިން ހިމެނިފައިވަނީ ހަނޑޫ، ހަކުރު އަދި ފުށެވެ. އެހެން ނަމަވެސް މިދިޔަ ސެޕްޓެމްބަރ މަހުގެ ސަރުކާރުން ވަނީ، ރާއްޖެއަށް އެންމެ ގިނައިން އެތެރެ ކުރާ 10 ބާވަތުގެ މޭވާއާއި، 10 ބާވަތުގެ ތަރުކާރީ އަދި މުގާއި، ބިސް، އަލުވި އަގުބޮޑުވިޔަނުދީ ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން އެސްޓީއޯއިން ވަނީ ފަށާފައެވެ.