ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނަގަން ފަށައިފިއެވެ.

ގުރުއަތު ނަގަން ފަށާފައިވަނީ މިއަދު 10:00ގައެވެ. ގުރުއަތު ނެގުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.

މާލެ ސިޓީގައި ގުރުއަތު ނެގުން ކުރިއަށްގެންދަނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނުގައެވެ.

ކެންޑިޑޭޓުންގެ ގުރުއަތުލުން ފަށާފައިވާއިރު ގުރުއަތު ނަގަން ދާންވާނީ ކެންޑިޑޭޓު އަމިއްލައަށް ނުވަތަ ބަދަލުގައި މީހަކު ފޮނުވައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއެއް ފޮނުވަންޖެހޭނެއެވެ. މި ސިޓީގައި ގުރުއަތުނަގަން ދާ މީހާގެ ނަމާއި، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެ. އަދި ގުރުއަތު ނެގުމަށް އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެއެވެ.

އެއްވެސް ކެންޑިޑޭޓަކަށް ހާޒިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވޭނަމަ އެ މީހެއްގެ ފަރާތުން ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށައަޅާފައިވާއިރު މިފަހަރުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ.