ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި 

ގްރޫމްކޮށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވާސްޓާ، އަލީ ހަސަން (44އ) އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، މުހައްމަދު އިހުސާން (21އ) އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް އަދި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަލީ ހަސަން ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ދެން ހިމެނޭ މުހައްމަދު އިހުސާން ހައްޔަރުކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައ، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށެވެ.

ކުޑަކުދިން ”ގްރޫމް“ ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާ މެދު ފުލުހުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށެވެ.