މި ސަރުކާރަކީ ”ބަތްކައްކާ“ ސަރުކާރެއް ކަމަށާއި ލޯކަލް ކައުންސިލުގެ އިންތިހާބުގައި އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ ކަމަށް އެމްޑީޕީން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މާލޭގެ މިހާރުވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ”ހޭވައްލާ ތައްޔާރު“ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ދާދިފަހުން އިއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފަތި އަމުނަމުން، އަމުނަމުން ގޮސް، ދެ އަހަރު ކުރިން ވީ ވައުދު ވެސް އާކޮށްފައިވާ ކަމަށެވެ.
”ކޮންމެ ތިން އަހަރަކުން ދިހަ ރިސޯޓު ހަދައި، އެ ރިސޯޓުތަކުގެ ފައިދާއިން ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަކަށް އަހަރަކު 400 ޑޮލަރު އެއޮތް ވަންނަނީ. މޮޔަ ގޮވަޔަސް، މިއީ ތަންކޮޅެއް ބޮޑުވަރު އަޅުގަނޑު ދެކޭގޮތުގައި. މިކަހަލަ ހިޔާލީ ފޮލާ ކައްކަމުން، ކައްކަމުން ގޮސް އަމިއްލައަށް ބޮލާފޮށާ އެޅޭ އިރުވެސް ރޭކާނުލީމާ، އާންމު ރައްޔިތުންނަށް ވެސް އެކަން އެނގޭނެ. މިއީ ބަތްކައްކާ ކުޅޭ ސަރުކާރެއްކަން ދިވެހިންނަށް އެނގި ހާމަވެއްޖެ،“ އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކޮންމެވެސް ކަމެއްގެ މަޖުބޫރުގައި، ނުފޫޒެއްގެ ތާށިކަމުގައި ހިތާ ދެކޮޅަށް ތިއްބަސް، ސަރުކާރު ހިންގަން މިތިބީ އަލުން ވެރިކަން ދޭން ހެޔޮވާ ވަރުގެ ބައެއް ނޫންކަން މިހާރު އެންމެންނަށް ވެސް އެބަ ގަބޫލުކުރެވޭ ކަމަށާއި ކުރިއަށްއޮތް ލޯކަލް ކައުންސިިލު އިންތިހާބުގައި ވެސް އެންމެ ގޮނޑިއެއްވެސް މި ސަރުކާރަށް ދޭން ނުފެންނަ ކަމަށެވެ.
މާލޭގެ ބިންތައް ފޮތިފޮތިކޮށް ވިއްކައި ހުސްކޮށްނުލަނީސް، މި ސަރުކާރު ބޭރުކޮށްލަން ޖެހޭ ކަމަށާއި އެހެންނޫނީ މާލެ ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. އަދި ގޯތިގެދޮރުގެ މައްސަލަ ހައްލުކުރަން އެނގޭނީ ވެސް އެމްޑީޕީއަށް ކަމަށް އާޒިމް ވިދާޅުވިއެވެ.




ގުޅުންހުރި
މޭޔަރު އާޒިމްގެ ތުހުމަތެއް: ވިޔަފާރި އުސޫލުން ހިންގަން ބުޅާ ފެސިލިޓީ ވަނީ
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން