ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި އެވެ.
ގެއްލުންދީފައިވަނީ މަރަދޫގައި ހުރިހާ ކެންޑިޑޭޓުންގެ ފޮޓޯ ފެންނަ ގޮތަށް ބަހައްޓާފައި ހުރި ޕޯސްޓަރުތަކަކަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން އެ ޕޯސްޓަރުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފަ އެވެ.
މިކަން ކުރި ބަޔަކު އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ސަރުކާރު ހިންގާ ޕާޓީގެ އައްޑޫގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން މިއަދު ބައެއް މީޑިއާ ތަކަށް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އައްޑޫގެ ޕީއެންސީގެ 22 ކެންޑިޑޭޓުންގެ ޕޯސްޓަރުތަކުގައި ބަޔަކު ކަޓަރު އަޅައި ގެއްލުން ދީފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން މިދިޔަ ހޮނިހިރު ދުވަހު ވަނީ ލޯންޗްކޮށްފަ އެވެ. ޕީއެންސީގެ އައްޑޫގެ ކެންޑިޑޭޓުން ކެމްޕޭން ކުރަމުންދަނީ ”ގްރޭޓާ އައްޑޫ“ ސްލޯގަންގެ ދަށުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ވަނަދުވަހުއެވެ.



