ވެރިކަމުގެ ބާރުން މަޖިލިސް ހޯދަން އެންމެ ރަގަޅުގޮތަކީ ދެ އިންތިޚާބު އެއްކޮށްލުން: ގާސިމް

ވެރިކަން ކުރާ ފަރާތްތަކުން މަޖިލީހުގެ ބާރު ހޯދަން އެންމެ ރަގަޅުގޮތަކީ ދެ އިންތިޚާބު އެކުގައި ބާއްވައިގެން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކޮންމެެ ސަރުކާރަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ބާރު ބޭނުންވާ ކަމަށެވެ. އެ ނޫން ގޮތަކަށް ވެރިކަން ނުކުރެވޭ ކަމަށާއި، އެހެންކަމުން މިވަގުތު ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތް ކަމަށެވެ. ވަރަށް ”ޕްރެކްޓިކަލް“ އިސްލާހެއް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

”މިހާރު ހުށަހަޅާފައި އޮތް އިސްލާހަކީ ވަރަށް ޕްރެކްޓިކަލް އިސްލާހެއް. އެނޫން ގޮތަކަށް ވެރިކަންކުރާ ފަރާތަކަށް މަޖިލީހުގެ ފުރިހަމަ ބާރު ހޯދުމަކީ ވަރަށް އުދަގޫކަމެއް.“ ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އެ ކޮމިޓީން މިމަހުގެ 9ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ. ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ މިމަހުގެ 10ވަނަދުވަހުގެ ޖަލްސާއިން ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިިވެވަޑައިގަތް 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓުދެއްވައިގެންނެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން ބަންޑާރަ ނައިބާއި އިލެކްޝަން ކޮމިޝަން އަދި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދި އެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

Leave a Reply