ރޯވި ދޯނިން ދަތުރުކުރަމުންދިޔަ ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެނީ 

ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ދޯނީގައި ތިބި ފަސް މީހަކަށް އަނިޔާވެގެން މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދޯނިން ދަތުރުކުރި 15 މީހުންގެ ތެރެއިން އަނިޔާވީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށާއި އެމީހުން މާލެ ގެނެސްފައިވަނީ ކުރުނބާ މޯލްޑިވްސްގެ ލޯންޗެއްގައި ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ކުރުނބާ ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 2:54 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލުކޮށްފައެވެ.