އިންތިޚާބަކާ ނުލާ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި، އިންތިޚާބަކާ ނުލާ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އެޕްރީލް 04ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ނަންތައް އިޢުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިޚާބަކާ ނުލާ ދާއިރާތައް ކަށަވަރުވި ކެންޑިޑޭޓުންގެ މަޢުލޫމާތު މިހާރުވަނީ ހާމަކޮށްފައެވެ.

އެ ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އިންތިޚާބަކާ ނުލާ އެންމެ ގިނަ ގޮނޑި ކަށަވަރުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއެވެ. އެ ޕާޓީއަށް 69 ގޮނޑި އިންތިޚާބަކާ ނުލާ ވަނީ ކަށަވަރުވެފައެވެ. އިދިކޮޅު އެމްޑީޕީއަށް އިންތިޚާބަކާ ނުލާ ކަށަވަރުވެފައިވަނީ 6 ގޮނޑިއެވެ.

ކައުންސިލް އިންތިޚާބު:

• ޕީއެންސީ: 28 ގޮނޑި
• އެމްޑީޕީ: 1 ގޮނޑި
• އަދާލަތު ޕާޓީ: 1 ގޮނޑި
• އަމިއްލަގޮތުން: 3 ގޮނޑި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިޚާބު:

• ޕީއެންސީ: 41 ގޮނޑި
• އެމްޑީޕީ: 5 ގޮނޑި
• އަދާލަތު ޕާޓީ: 1 ގޮނޑި
• އަމިއްލަގޮތުން: 2 ގޮނޑި

ނަން އަނބުރާ ގެންދިއުމަށް އޮތް މުއްދަތުގައި ޖުމްލަ 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން 31 ފަރާތަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ ކެންޑިޑޭޓުންނެވެ. ކައުންސިލްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދިޔައީ 36 ކެންޑިޑޭޓުންނެވެ.