ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ، ފައިސާ ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާގުޅިގެން އާ ސްޓޮކެއް ރާއްޖެގެނެސްފިއެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ 20ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ޗާޕްކޮށްގެން ގެނައީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.
މިމަހުގެ ކުރީކޮޅު އެމްއެމްއޭއިން ވަނީ ސްޓޮކް މަދުވުމުގެ ސަބަބުން 100 ރުފިޔާގެ އައު ނޫޓުތަކެއްވެސް ޗާޕްކޮށްގެން ރާއްޖެ ގެނެސްފައެވެ.
އެނގިފައިވާ ގޮތުގައި 20ރ. ގެ ނޫޓު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ ރޯދަ މަސް ކައިރިވަމުން އަންނާތީ، އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވެ، ނަގުދު ފައިސާގެ މުއާމަލާތްތައް ގިނަވުމުގެ ސަބަބުންނެވެ.
އެމްއެމްއޭގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިހާރު އިގްތިސާދުގައި ދައުރުވަމުން އަންނަ ނަގު ފައިސާގެ ޖުމްލަ އަގަކީ 4.14 ބިލިއަން ރުފިޔާ އެވެ. ވަކިވަކި ނޫޓުތަކަށް އޮންނަ ޑިމާންޑް ބިނާވަނީ އާންމުން ފައިސާ ބޭނުންކުރާ ގޮތަށާއި މާލީ އިދާރާތަކުން ފައިސާ ބަހާ ގޮތުގެ މައްޗަށެވެ. އަދި 20ރ. އާއި 10ރ. އަދި 5ރ. ފަދަ ކުދި ނޫޓުތަކަކީ ބޮޑެތި ނޫޓުތަކަށް ވުރެ އަވަހަށް އަތުން އަތަށް ބަދަލުވާ އެއްޗެހި ކަމަށް ވާތީ، އެ ނޫޓުތައް ބާވެ ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.




ގުޅުންހުރި