ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމަށް ގަރާރަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު“ ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވާފައިވާ ކަމަށެވެ.
އެ ބިލުގައި ހިމެނޭ އިސްލާހުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ގާނޫނުއަސާސީއަށް އެ އިސްލާހުތައް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާ އިސްލާހުތަކެކެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިލުގައި ހިމެނޭ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރާންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމައެވެ.
އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ 31 ވަނަ މާއްދާގައި، ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ނަގާ ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށާއި އެ އިސްލާހެއް ގެނައުމަށް އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ ”ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ”ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ތަސްދީހުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“، އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅާފައިވާ ތާރީހަކީ ކުރިއަށްއޮތް ”ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026“ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު، ގާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ކަމަށެވެ.




ގުޅުންހުރި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި