ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފަށައިފި

ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭޥެސް އެއްގޮތަށް ގޭސް ވިއްކަން ފަށާފައިވާކަމަށް މޯލްޑިވް ގޭސް އިން ވިދާޅުވެއްޖެއެވެ.

މޯލްޑިވް ގޭސް ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު ”ހަފްތާ“ އަށް ވިދާޅުވީ ކައްކާ ގޭސް ލިބުމުގައި ދާދިފަހުން ކުޑަ ދަތިކަމެއް ކުރިމަތިވިނަމަވެސް ގޭހުގެ ސްޓޮކް އިޔާދަ ކުރެވި މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާފައިވާކަމަށެވެ.

ދާދިފަހުންވަނީ މޯލްޑިވް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ބައެއް ދަތިތައް ކުރިމަތިވެ ކައްކާ ގޭސް ދޫކުރާ މިންވަރު ވަނީ ދަށްކޮށްފައެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވަނީ 7 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާފައެވެ. ގޭސް ލިބުމުގައި ދަތިކަމެއް ކުރިމަތިވީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ ސަޕްލައިއަށް އެރި ލޮޅުންތަކެއްގެ ސަބަބުންނެވެ. ނަމަވެސް ގޭހުގެ ސްޓޮކް އިޔާދަ ކުރެވި މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ގަންނަން ލިބޭނެ ކަމަށް މޯލްޑިވް ގޭހުގެ އެމްޑީ ވަނީ ”ހަފްތާ“ އަށް ކަށަވަރުކޮށްދީފައެވެ.

“ ކުރިއަށް އޮތް ތަނުގައި އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ، މި ރޯދަމަހުވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ  ފުރިހަމަ ޔަޤީންކަން އެބައޮތް.“ މޯލްޑިވްގޭސް ގެ އެމްޑީ އަބްދުﷲ ވިދާޅުވިއެވެ.

ކޮންމެ ރޯދަ މަހަކީވެސް އާންމުގޮތެއްގައިވެސް ގޭހަށް އޮންނަ ޑިމާންޑު އިތުރުވާ މަހެކެވެ. އެހެންކަމުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުގައި މެދުނުކެނޑި ގޭހާއި އަސާސީ ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުންގެންދަނީ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވަމުންވެ.