20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެންގުޅޭ ”ރަންދިހަފަހެއް“ ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިގުތިސޯދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބާވެ ހަލާކުވެފައިވާ ނޫޓުތައް އާ ކުރުމަށް ނެރުނު ބެޗެއް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މިމަހުގެ ދެވަނަ ދުވަހު ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި މިމަހުގެ 15 ވަނަ ދުވަހު ލިބުނު 20 ރުފިޔާގެ ނޫޓުތައް ކަމަށެވެ.

އެ ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަގުސަދަކީ އިގުތިސޯދުގެ ތެރޭގައި ނަގުދު ފައިސާ ދައުރު ކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުން ކަމަށާއި ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއް ކަމަަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މިފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް މުހިންމު ބަދަލެއް ގެނެސްފައިވާ ކަމަށާއި އެގޮތުން 20 ރުފިޔާގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވާނެ ކަމަށެވެ. އަދި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އޭގެ އިތުރުން 7 ޖުލައި 2024 ގެ ތާރީހުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާ އެއްގޮތަށް 100 ރުފިޔާގެ އާ ޗާޕުގައި ވެސް ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ އަލަށް ނެރުނު ނޫޓުތަކާ އެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އަލަށް ނެރުނު އެ ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ.