ޖަރާސީމުން ތަގައްޔަރުވުމާ ގުޅިގެން ”ހޭންޑީ“ ފެން ބޭނުންނުކުރަން އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް، 500 އެމްއެލް އަދި އެއް ލީޓަރު ބިއްލޫރި ފެން ފުޅިތަކުން، ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ.
ފެންފުޅިތަކުގެ ތަހުލީލު ނަތީޖާ ދައްކާގޮތުން އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
”ވީމާ، މި އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް އަންގަމެވެ،“ އެމްއެފްޑީއޭގެ ބަޔާނުގައި ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ އިތުރު މައުލޫމާތު ހޯދުމަށް އެ އޮތޯރިޓީގެ ނަންބަރު 3034213 ނުވަތަ 7603204 ފޯނަށް ގުޅުމަށް އެދޭ ކަމަށެވެ.



