ރޯދަމަހާ މެދު ވިސްނާލިނަމަ

ރޯދަމަސް ނުވަތަ ރަމަޟާން މަހަކީ ހިޖުރީ ކަލަންޑަރުގެ 9 ވަނަ މަހެވެ. އިންސާނަކު މިކަމާ ވިސްނާލިއަސް ވަރަށް ޢަޖައިބު ކުރުވަނިވި ކަމެއް މިކަމުންވެސް ފާހަގަ ކުރެވިދާނެއެވެ. އެއީ ޢާންމުކޮށް އިންސާނަކު ދުނިޔެއަށް އުފަންވަނީ 9 މަހާ 10 ދުވަހުންނެވެ. އެގޮތުން 9 ވަނަ މަހަށް ރަމަޟާން މަސް ވުމުގައި އިންސާނާގެ އުފަންވުމާއިވެސް ގުޅިފައިވާކަން ފާހަގަކޮށްލެވިދާނެއެވެ. ރަމަޟާން މަހަކީ އިސްލާމްދީނުގައި ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެވިފައިވާ މަހެކެވެ. އެހެންމަސްތަކާ ރަމަޟާން މަސް ތަފާތުވަނީ ގިނަ ސިފަތަކާއި މަތިވެރި އެތައްކަމެއް އެމަހުގައި ހިމެނިފައިވާތީއެވެ. އޭގެތެރޭގައި:-  

1- ﷲ ސުބުޙާނަހޫވަތަޢާލާ ރަމަޟާން މަހު ރޯދަ ހިފުންވަނީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން 4 ވަނަ ރުކުންކަމުގައި ލައްވަވާފައެވެ. އެކަމުގެ ދަލީލަކީ ކީރިތި ޤުރްއާންގެ އަލްބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި އެކަން ވަޙީކުރައްވާ އަންގަވާފައިވާތީއެވެ. ހަމައެހެންމެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ “ އިސްލާމްދީން ބިނާވެގެންވަނީ 5 ކަމެއްގެ މައްޗަށެވެ“. އޭގެތެރޭގައި “ރަމަޟާންމަހު ރޯދަހިފުން“ ހިމެނެއެވެ.

2- ﷲ ތަޢާލާ ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ރަމަޟާން މަހުގައެވެ. އަލްބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި އެކަން ވަޙީކުރައްވާފައިވެއެވެ. ހަމަ އެހެންމެ ޢަލްޤަދްރް ސޫރަތުގެ ފުރަތަމަ އާޔަތުގައިވެސް އެކަން އަންގަވާ ވަޙީކުރައްވާފައިވެއެވެ.

3- ﷲ ސުބުޙާނަހޫވަތަޢާލާ ރަމަޟާންމަހުގައި ލައިލަތުލް ޤަދްރިވިލޭރޭ ލައްވަވާފައި ވެއެވެ. އަދި އެރޭގެ ޘަވާބުގެ މަތިވެރިކަން އަންގަވާ އެއީ އެއްހާސް މައްސަރަށްވުރެވެސް މަތިވެރިވެގެންވާ ރެއެއްކަމުގައި ޢަލްޤަދްރް ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ. އަދި އައްދުޚާން ސޫރަތުގެ 3 ވަނަ އާޔަތުގައިވެސް އެކަން ބަޔާންކުރައްވާފައި ވެއެވެ.

4- ރަމަޟަން މަހަކީ އެމަހެއްގައި އީމާންތެރިކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފަތައް ފުއްސަވާނެ ކަމަށް އަންގަވާފައިވާ މަހެކެވެ.

5- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސއްލަމް ޙަދީޘް ކުރައްވާފައިވަނީ ރަމަޟާންމަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލައްވާނެ ކަމަށާއި ނަރަކައިގެ ދޮރުތައް ބަންދުކުރެވިގެން ދާނެ ކަމަށެވެ. އަދި މަރުދޫދު ޝައިޠާނުން ކަސްތޮޅު އެޅުއްވޭނެ ކަމަށެވެ.

6- ﷲ ސުބުޙާނަހޫވަތަޢާލާ ރަމަޟާންމަހުގެ ކޮންމެ ރެއެއްގައި އެކަލާނގެ އަޅުންތަކުގެތެރެއިން އަޅުންތަކެއް ނަރަކައިން މުއްތި ކުރައްވަވާ ނަރަކައިން ސަލާމަތް ކުރައްވަވާނެ ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސއްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.

7– ރަމަޟާން މަހު ރޯދައަކީ އެމަހެއްގައި އެއްކޮށް ރޯދައަށް ހުރެއްޖެ ނަމަ އަދި ބޮޑެތި ފާފަތައް ނުކޮށް ހުރެއްޖެނަމަ، އޭގެ ކުރީގައި ކުރެވިފައިވާ ފާފަތަކުގެ ކައްފާރާއަކަށް ހަދައިދޭ މަހެވެ.

8- ރަމަޟާން މަހުގެ މަތިވެރިކަން ބަޔާންކުރައްވާ ރަމަޟާންމަހުގެ ރޯދައާއި ޝައްވާލުމަހުގެ 6 ރޯދަ ހިފައިފި މީހަކަށް މުޅި އަހަރު ރޯދަހިފުމުން ލިބޭހާ ޘަވާބު ލިބޭނެ ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސއްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

9- ރަމްޟާން މަހު ރޭ އަޅުކަމުގައި ބައިވެރިވެ އިމާމްމީހާ ނަމާދުނިންމާލާ ފައިބައިގެން ދަންދެން އިމާމަށް ތަބާވާ މީހަކަށް މުޅި ރޭ އަޅުކަން ކުރުމުން ލިބޭހާ ޘަވާބާއި ދަރުމަ ލިބޭނެކަމަށްވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސއްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

10– ރަމަޟާންމަހު ޢުމުރާއެއް ކޮށްފި މީހަކަށް ޙައްޖެއް ކުރުމުން ލިބޭހާ ޘަވާބު ލިބޭނެކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސއްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

11- ރަމަޟާންމަހު އިޢުތިކާފަށް އިނުމަކީ ސުންނަތެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ރަމަޟާންމަހު ފަހު ދިހައެއްގައި އިޢުތިކާފަށް އިންނަވާކަމަށް ޢައިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ސުވަރުގެ ވަޑައިގަންނަވަންދެން ކޮންމެ ރޯދަމަހެއްގައި އެފަދައިން އިންނަވާކަމަށްވެސް އެކަމަނާ ރިވާކުރައްވަފައި ވެއެވެ.

12- ރަމަޟާންމަހު ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާންގައި އަންގަވާފައިވާ ކަންކަމާމެދު ދިރާސާކޮށް ހެދުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ވަރަށްބޮޑަށް ލޯބިކުރައްވަވާ ކަމެކެވެ. ޖިބްރީލް ޢަލައިހިއްސަލާމާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ކޮންމެ އަހަރެއްގެ ރޯދަމަހު ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވެ ދިރާސާ ކުރައްވަވައެވެ.

13- ރަމަޟާން މަހު މީސްތަކުންނަށް ރޯދަވީއްލުން ދިނުމަކީވެސް ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސއްލަމް ވަރަށް ބޮޑަށް ބާރުއަޅުއްވާ، އެހާމެ މަތިވެރި ކަމެއްކަމުގައި އަންގަވާފައިވާ ކަމެކެވެ. އެގޮތުން ރޯދަވެރިޔާ އަށް ރޯދަވީއްލުން ދޭ މީހަކަށް އެ ރޯދަވެރިޔާ އަށް ލިބޭހާ ޘަވާބު ލިބޭނެކަމަށް ހަދީޘް ކުރައްވާފައި ވެއެވެ.

Leave a Reply