އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ ފިހާރަ ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.

ހުޅުމާލޭ ރީތިގަސް މަގު، (ރެއިން ކޮރަލް ރެޒިޑެންސް) ގައި ހަދާފައިވާ މި ފިހާރަ ހުޅުވުމަށް ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެސްޓީއޯ އިން ބުނީ، ހުޅުމާލޭގައި އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެ ކުންފުނީގެ ފިހާރައެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެއް ކަމަށެވެ. އެހެންވެ، އަލަށް ހުޅުވި ފިހާރަ އާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯ އިން ވިއްކާ މުދާތައް ފަސޭހަ ކަމާއެކު ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ، މި ރޯދަމަހު، ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ހުޅުމާލެ ފިހާރައިން ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ވިޔަފާރިވެރިންނަށް ހޯލްސޭލްކޮށް މި ތަކެތި ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ އެއްގޮތަށް ހުޅުމާލޭ ފިހާރައިންވެސް ލިބެން ހުންނާނެ އެވެ. އެގޮތުން ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް މި ފިހާރައިން ލިބެން ހުންނާނެ އެވެ.

އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވާފައި ހުންނާނެ ގަޑިތައް:

  • ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު: ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް
  • ހުކުރު ދުވަހު: ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް