ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، މިއަދު މާލެ ވަޑައިގެންފިއެވެ.

ބަންގްލަދޭޝްއަށް ރައީސް ކުރެއްވި މި ދަތުރުފުޅަކީ، އެ ގައުމުގެ އާ ސަރުކާރު ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން، ރައީސް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހްމާނާ ބައްދަލުކުރައްވައި، ދޭދޭ މަޝްވަރާތައް ބާއްވަވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ބަންގްލަދޭޝްއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ބަންގުލަދޭޝްގައި އާ ސަރުކާރެއް އެކުލަވާލާފައިމިވަނީ 2024 ވަނަ އަހަރު ކުރި ބޮޑު މުޒާހަރާތަކުގައި ޝައިހް ހަސީނާގެ 15 އަހަރުވީ ވެރިކަން ވައްޓާލުމަށްފަހުއެވެ.

ބަންގުލަދޭޝްގައި ބޭއްވި އިންތިހާބު ކާމިޔާބުކުރީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނުންނެވެ. ބަންގްލަދޭޝްގެ އާ ބޮޑުވަޒީރަކަށް ވަޑައިގެންނެވީ ޚާލިދާގެ ދަރިކަލުން އަދި ޕާޓީގެ ޗެއާމަން ތާރިގް ރަހްމާނެވެ.