ސުވާލު. އަޅުގަނޑުގެ އެކުވެރިއަކު ފޯނުކުރިއެވެ. ވަރަށް ބޮޑު ސުވާލެއް ކޮއްލަން ބޭނުންވެގެންނެވެ. ސުވާލަކީ ކޮބައިތޯ އަހާލުމުން ބުންޏެވެ. “ އެއީ ދުރުތާ ތިމާގެ ދައްތައެކެވެ. އުޅެނީ ކަމަކާމެދު ޝައްކު އުފެދިގެންނެވެ. ކޮންމެސް މީހަކު އައިސް ދައްތަގެ ފިރިމީހާ އެހެން އަންހެނަކާ ގުޅުން ބާއްވާ ވާހަކަ އަކާއި އޭނައާއި އެކު ތަންތަނަށް ދާ ވާހަކަ ދައްތަކައިރީގައި ބުނީއެވެ. ދައްތަގެ ފިރިމީހާ ވަޒީފާގައި އުޅެނީ އެހެން ރަށެއްގައެވެ. މިހާރު ދެމީހުން ތިބީ ވަރިފަށަށް އަރައިފައެވެ. އެވާހައކައިގައި ފަހަރެއްގައި ކޮންމެވެސް ޙަޤީޤަތެއް އޮވެވެސްދާނެއެވެ. އެހެނަސް ދައްތަގެ ފިރިމީހާއަކީ ގޯސްމީހެއްނޫންކަން އަހަރެންނަށް ޤަބޫލުކުރެވެއެވެ. މިހާރު އުފެދޭ ސުވާލަކީ އަހަރެން އެކަން ޙައްލުކުރަން ވިޔަސް ދޮގެއް ހެދުން ހުއްދަވާނެތޯއެވެ؟
ޖަވާބު
ދޮގުހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ޙަރާމް ކަމެކެވެ. އެކަން ކީރިތި ޤުރްއާނާއި މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތާއި ޢިލްމުވެރިންގެ އިޖްމާޢުން ސާބިތުވެއެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު އެންމެ ނުހަނު ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ. ދޮގުހަދާ މީހުންނަކީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންކަމުގައި ﷲ ޞުބްޙާނަހޫ ވަތައާލާ ވަޙީކުރައްވާފައިވޭއެވެ.
ނަމަވެސް ދެބަސްވެފައިވާ ބަޔަކު ޞުލްޙަ ކުރުވުންފަދަ ކަމެއްގައި ޙަޤީޤަތާ ޚިލާފު ވާހަކައެއް ދައްކައިގެން އެ ބަޔަކު ޞުލްޙަ ކުރުވުމަކީ ހުއްދަ ކަމެކެވެ. އެއީ ފާފައެއް އަދި ދޮގެއް ކަމަކަށް އިސްލާމްދީން ނުދެކެއެވެ. މިއިން ދޭހަވަނީ، ކޮންމެފަދަ ގޮތަކުން ވިއަސް މުސްލިމުންގެ މެދުގައި ޞުލްޙަ ޤާއިމުކުރުވުމަށް އިސްލާމްދީނުގައި ދެއްވާފައިވާ ދަރަޖައިގެ މަތިވެރިކަމެވެ.
މިކަމުގެ ދަލީލަކީ: މާތް اللَّهُ، އެ ކަމަނާއަށް ރުއްސުންލެއްވި އުއްމުކުލްޘޫމު ބިންތި ޢުޤުބަތުގެ އަރިހުން ރިވާވެގެން ވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާތީ ތިމަންކަމަނާ އަޑުއެއްސެވީމެވެ. “ ދެބަސްވެފައިވާ ދެ މީހެއްގެ ދެމެދު ޞުލްޙަ ކުރުވުމަށްޓަކައި ދޮގެއްހަދާ މީހާއީ، ދޮގުހެދި މީހަކުކަމުގައި ނުވާހުއްޓެވެ. ފަހެ، އޭނާ ގަސްދުކުރަނީ ހެޔޮކަމަކަށެވެ. އަދި އޭނާ ބުނަނީވެސް ހެޔޮވާހަކައެކެވެ.- މިއީ އަލްބުޚާރީއާއި މުސްލިމު ނެރުއްވި ޙަދީޘެކެވެ.
އަދި މުސްލިމުގެ އެހެން ރިވާޔަތެއްގައިވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. [މީސްތަކުން ބުނެއުޅޭ ބަސްތަކުގެތެރެއިން ތިން ކަމެއްގައި މެނުވީ، ދޮގެއް ބުނުން ހުއްދަކުރެއްވިކަން ތިމަންނާއަށް އެނގިވަޑައިގެން ނުވެއެވެ. އެ ތިން ކަމަކީ، ހަނގުރާމައިގެ ވަގުތުގައްޔާއި، (ދެބަސްވެފައިވާ) ދެ މީހެއްގެ ދެމެދު ޞުލްޙަ ކުރުވުމަށާއި، ފިރިމީހާ އޭނާގެ އަނބިމީހާ ރުއްސުވުމަށާއި، އަނބިމީހާ އޭނާގެ ފިރިމީހާ ރުއްސުވުމަށެވެ.]
އިސްވެދިޔަ ހަދީސްގައި ހުއްދަކުރައްވާފައި އެވާ ދޮގުގެ މުރާދަކީ ދައްކާ ވާހަކަޔާ ޚިލާފު އެހެން އެއްޗެއް ހިތުތެރޭގައި ބާއްވައިގެން ދައްކާ ވާހަކަ އެވެ. އެއީ ހަގީގީ ދޮގެއްނޫނެވެ. އެއީ. އެކަމުން ލިބޭ ގެއްލުން ބޮޑުވެފައި މަސްލަޙަތު ގެއްލިގެންދާ ފަދަ ކަމަކަށްވާތީ އެކަމުން ދެމީހުން ސަލާމަތް ކުރުމަށް ބުނާ ބުނުންތަކެކެވެ. ދެފަރާތް ގުޅުވައިދީ ދިރިއުޅުން އާރާސްތުކުރުމަށް ބުނާ ބުންތަކެކެވެ. މީގެތެރޭގައި ދެމަފިރީން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކުރުމުގެ ގޮތުން ދައްކާ ތަފާތު ވާހަކަތައް ހިމެނެއެވެ. [މިސާލަކަށް ފިރިމީހާ ބުނެފާނެއެވެ. ތިބާއަށްވުރެ ރީތި ދެވަނަ މީހަކު އަހަރެން ނުދެކެމެވެ. ނުވަތަ އަހަންނަށް ހަމަ އެންމެ މީރީ ތިބާ ކައްކާ އެއްޗިއްސެވެ. މިހެން ބުނާއިރު ކަން އޮތީ އެހެންނޫންކަމަށް ވެދާނެއެވެ. ނަމަވެސް އެއީ ދެމީހުންގެ ދެމެދުގައި ލޯތްބާއި ކުލުނު އުފެދި ޒަވާޖީ ގުޅުން ދުޅަހެޔޮވެގެންދާނެ ކަމެކެވެ. ވުމާއެކު އެފަދައިން ވާހަކަ ދެއްކުމުގައި ދޫ ދެއްވާފައިވަނީކަމަށް އިލްމުވެރިން ވިދާޅުވެއެވެ.] އެހެންނަމަވެސް ދެމަފިރީން އެކަކު އަނެކަކަށް މަކަރު ހަދައި އޮޅުވައިލުމަކީ ހަރާމް ކަމެކެވެ.
އިސްލާހު ކުރުމަށްޓަކައި ދޮގު ހެދުމަށް ދެވޭ ލުއިގެ ބޭނުންކުރަންވާނީ، އެއްބަޔެއްގެ ފަރާތުން އަނެއް ބަޔެއްގެ ގާތަށް ހަމައެކަނި ރަނގަޅު ވާހަކަތައް ނަގުލު ކުރުމަށެވެ. ހަނގުރާމައިގައިނަމަ، މިސާލަކަށް މާދަމާ އަހަރެމެންނަށް މަދަދެއް އަންނާނެކަމަށް ބުނުމެވެ. މިހެން ބުނާއިރު އެމީހުންގެ ނިޔަތަކަށް ވާނީ، ކާނާ ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް އަންނާނެ ވާހަކައެވެ. މިފަދަ ހާލަތްތަކުގައި، ދޮގަކަށްވާފަދަ ބަސްތައް ބުނުން ހުއްދަވާނެއެވެ. ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައިވެއެވެ. (ހަނގުރާމައިގައި) ތެދު ބުނުމުގެ ނިޔަތުގައި، ގައުމު ނުވަތަ ލަޝްކަރުގެ ސިއްރުތައް އަދުއްވުންނަށް ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އެހާލަތުގައި ވާޖިބުވެގެންވަނީ (ދޮގު ހަދައިގެންވިޔަސް) އެކަންކަން ސިއްރު ކުރުމެވެ. ހަނގުރާމައަކީ އޭގެ ޒާތުގައިވެސް މަކަރު އެކުލެވިގެންވާ ކަމެކެވެ.




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ނަމާދު އެޅުމަކީ މާތް ﷲ ގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭ: