ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް

މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް ދީފިއެވެ.

އެ ކެޓަގަރީއަކީ ކުރިން ހިންގާފައިވާ ހިޔާ މަޝްރޫއު އަދި ވެށިފަހި މާލެ މަޝްރޫއިން ފުލެޓު ލިބުނުކަން އެންގި ނަމަވެސް، އެ ފުލެޓުތައް ލިބިފައިނުވާ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީއެކެވެ.

މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 7،900 ފުލެޓުގެ ތެރެއިން ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 500 ފުލެޓެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.

އެގޮތުން ކަމާގުޅޭ އިދާރާއަކުން އާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.