އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް 

އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އިޖުތިމާއީ އަދުލުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމީހަކު ހުރި ތަނަކަށް ބެލުމެއްނެތި، ހަމަހަމަ ފުރުސަތުތަކާއި އިންސާނީ ކަރާމާތް އަދި ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމުތަކުގެ އިތުރުން، އަތްފޯރާފަށުގައި ހުރި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދެމިތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ރައްޔިތުންނަށް މަންފާކުރަނިވި އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. ކޮންމެ ރައްޔިތަކަށްވެސް އުޖާލާ އަދި ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމުގެ ބާރުވެރިކަން ދިނުމަށްޓަކައި، ތައުލީމާއި ހުނަރު ތަރައްގީކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.