މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) އެވެ.
ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި މެންދުރު 1:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް އަލީ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 5:15 ހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އިބްރާހީމް އިމްތިޔާޒް އަލީއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.



