ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި 

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ”ގޫގުލް ޑްރައިވް“ އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކުޑަރިކިލު, ހުޅެވި، އަލީ ނާޖިހު އަހުމަދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ. އޭގެ ފަހުން، އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފައި ކަމަށާއި އެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، އެ ހިދުމަތުން އިސްކަންދީގެން ތަހުގީގުކުރަމުންދާ ސީރިއަސް މައްސަލަތަކެއް ކަމަށެވެ.