މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ އިގުތިސާދު ހަލާކުކޮށްލި ބޭފުޅުން: ސައީދު 

މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ އިގުތިސާދު ހަލާކުކޮށްލި ބޭފުޅުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުގައި ވާދަވެރި އެމްޑީޕީއަށް ބާރު ލިބުނު އިރު ކަން ކުރި ގޮތް ބަލަން ޖެހޭ ކަމަށެވެ.

ދާދި އިހަށްދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމިގެންދިޔަ އިރު، ޑިމޮކްރެޓިކް ނިޒާމަށް ދީފައި ހުރި ގެއްލުންތަކަކީ ކޮބައިތޯ އާއި ވަކީން ހާއްސަކޮށް ލޯކަލް ގަވަމަންޓުގެ ނިޒާމާ ދޭތެރޭގައި އަމަލުކޮށްފައި ހުރީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

”ގައުމުގެ އިޖުތިމާއީ މިންގަނޑަށް ކަން ކޮށްފައި އޮތް ގޮތަކީ ކޮބައިތޯ، ގައުމުގެ އިގުތިސާދު ވައްޓާލި ފުން އަނދަވަޅަކީ ކޮބައިތޯ. އެމީހުންނޭ މި އަންނަނީ އަނެއްކާވެސް. ދެ އަހަރެއްހާ ދުވަސް އަދި މިވީ. އަނެއްކާވެސް މުޅިން އަލަށް ދިރިގެން، މުޅިން އަލަށް ތާޒާކަން އިހުސާސްވެގެން ހަމަ އެއްބައެއް ނުކުމެ މި ބުނަނީ ތިމަންނަމެންގެ އެބައޮތޭ މާ މޮޅު ގޮތެއް. ހަމަ އެއްކަލަ އިބްރާހިމް މުހައްމަދު ސޯލިހު، އެއީ ރައީސުލްޖުމްހޫރިއްޔާކަން އޭރު ކުރެއްވި ބޭފުޅާ،“ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ކުރީ ސަފަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި މާމޮޅު ގޮތެއް އޮތް ކަމަށް ވާހަކަދައްކަނީ ހަމަ އެއްބައެއް ކަމަށެވެ. އަދި ސޮވެރިން ފަންޑުގައި ހުރި 200 މިލިއަނެއްހާ ޑޮލަރު ގެންގޮސް ދެ މިލިއަން ޑޮލަރަށް ކުޑަކޮށްލީ ވެސް ހަމަ އެމްޑީޕީގެ ސަރުކާރުން ކަމަށް ސައީދު ވިދާޅުވިއެވެ.