އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް

އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު ވިސްނަވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިފަދަ އިންޒާރެއް ދީފައި މިވަނީ، މި ހަފުތާގެ ކުރީކޮޅު ޖެނީވާގައި ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ވޮޝިންގޓަނާއެކު ވެވޭ އެއްބަސްވުމުގެ ޑްރާފްޓް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތައްޔާރުވާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނިކޮށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓުވުމަށް އެކުލަވާލާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތެހެރާނަށް ބާރުއެޅުމުގެ ގޮތުން، މެދުއިރުމައްޗަށް ކަނޑުގެ ސިފައިންގެ ބޮޑު ލަޝްކަރެއް ފޮނުވަމުންގެންދާކަމަށާއި، އަދި އީރާނުން އެގައުމުގެ ނިޔުކްލިޔަރ އެއްބަސްވުން ދެމެހެއްޓުމަށް ދެކޮޅު ހަދަމުންގެންދާކަމަށް ވާނަމަ އެގައުމަށް ވަކި މިންވަރެއްގެ އަސްކަރީ ހަމަލާއެއް ދިނުމާ މެދު ވިސްނަވަމުންދާ ކަމަށެވެ.

އީރާނުން 10 ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް ނައިސްފިނަމަ ”ނުރައްކާތެރި ކަންތައްތަކެއް“ ހިނގައިދާނެ ކަމުގެ އިޝާރާތެއް ބުރާސްފަތި ދުވަހު ޓްރަމްޕް ދެއްވިއެވެ. އަދި ފަހުން އެ މުއްދަތު ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.

ހުކުރު ދުވަހު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އީރާނަށް ވަކި މިންވަރެއްގެ އަސްކަރީ ހަމަލާއެއް ދިނުމާ މެދު ވިސްނަވަމުންދާ ކަމަށް ޓްރަމްޕް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަރާގްޗީ ވިދާޅުވީ އީރާނުގެ ނިއުކްލިއަރ މާއްދާތައް މުއްސަނދިކުރުން ހުއްޓާލުމަށް އެމެރިކާގެ މަންދޫބުން މިހާތަނަށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން މިއީ އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކާ ފުށުއަރާ ވާހަކަތަކެއްކަމަށްވެސް އަރާގްޗީ ވަނީ ވިދާޅުވެފައެވެ.

މިދިޔަ ޖޫން މަހު އީރާނާއި އިސްރާއީލާ ދެމެދު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގެ ތެރޭގައި މަޝްވަރާތައް މެދުކެނޑުނު ފަހުން، ފުރަތަމަ ފަހަރަށް ހަތުރުވެރި ދެ ޤައުމުގެ މެދުގައި ފެބްރުއަރީ 6 ވަނަ ދުވަހު އޮމާންގައި މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. މިދިޔަ ޖޫން މަހުގެ ހަނގުރާމައިގައި އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިނުމުގައި ބައިވެރިވެފައެވެ.