ރޯދައިގެ ފައިދާތައް ވިސްނާލިޔަސް އެބަ އެނގެއެވެ. ހަމައެހެންމެ ރޯދައިގައި ގިނަގުނަ ފައިދާތަކާއި މަތިވެރި ޙިކުމަތްތައްވެސް ވެއެވެ. އޭގެ ތެރޭގައި:
- ރޯދައަކީ ﷲއަށް ތަޤުވާވެރިވުން ކަށަވަރުވުމުގެ ވަސީލަތެކެވެ.
- ރޯދަވެރިޔާއަށް ﷲގެ ނިޢުމަތުގެ އިޙްސާސު ލިއްބައި ދެއެވެ.
- ރޯދައިން ޝައިޠާނާގެ މައްޗަށް ގަދަވެ ގަނެވެއެވެ.
- ރޯދައިގެ ސަބަބުން ރޯދަވެރިޔާގެ ހިތުގައި މިސްކީނުންގެ މައްޗަށް ރަޙުމާއި ކުލުނުވެރިކަން އުފައްދައެވެ.
- ރޯދައިން ހަށިގަނޑުގައި އުފެދޭ ނުބައި ވިހަ މާއްދާތަކުން ސާފު ކޮށްދެއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއް ޙާޞިލު ކޮށްދެއެވެ.
ރަމަޟާންމަހަކީ އެމަހުގެ ފުރަތަމަ ދިހައިގައި ﷲގެ ރަޙްމަތް، މެދުދިހައިގައި ﷲގެ ފުއްސެވުން އަދި ފަހުދިހައިގައި ނަރަކައިން މުއްތިކުރެއްވުން ލައްވާފައިވާ މަހެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ وَهٌوَ شَهْرٌ أوَّلُهُ رَحْمَةٌ، وأوسطُهُ مغفرةٌ، وآخرُهُ عِتْقٌ مِنَ النارِ ”އެއީ، އެމަހުގެ ކުރީކޮޅުގައި ރަޙްމަތް ، އަދި މެދުތެރޭގައި ފުއްސެވުން އަދި ފަހުކޮޅުގައި ނަރަކައިން މުއްތި ކުރެއްވުން އޮތްމަހެކެވެ.“
- ރަމަޟާންމަހުގެ ފުރަތަމަ ރޭ، އަރަހުށި މާތް ﷲ އެމީހުންނަށް ބައްލަވައި ވޮޑިގެންނެވުމެވެ. ރަޙްމަތުގެ ނަޒަރަކުން އެކަލާނގެ ބައްލަވައި ވޮޑިގަންފި އަޅަކަށް ދުވަހަކުވެސް ޢަޛާބެއް ނުދެއްވާނެއެވެ.
- ﷲގެ މަލާއިކަތުން ކޮންމެދުވަހަކާއި ކޮންމެ ރެއަކު ރޯދަވެރިންނަށް ފާފަފުއްސަވާ ދެއްވުމަށް އެދި ވަޑައިގެން ދުޢާކޮށްދެއްވުމެވެ. މަލާއިކަތުންގެ ދުޢާއަކީ ﷲގެ ޙަޟްރަތުގައި ޤަބޫލުކުރައްވަނިވި އެއްޗެކެވެ. އެހެނީ ،އެބޭކަލުން ކުރައްވާކަމެއް ކުރައްވާނީ ﷲ އެކަމަށް އިޛްނަ ދެއްވުމުންނެވެ.
- މާތްﷲ ސުވަރުގެއަށް ރޯދަވެރިންނަށްޓަކައި ތައްޔާރުވެ ޒީނަތްތެރިވުމަށް އެންގެވުމެވެ. މިއިން އެނގެނީ ﷲ އަންގަވާފައިވާގޮތަށް ރޯދަހިފި މީހުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާނެކަމެވެ.
- ރަމަޟާންމަހުގެ އެންމެ ފަހުރޭ ހުރިހާ ރޯދަވެރިންނަށް މާތްﷲ ފާފަފުއްސަވާ ދެއްވުމެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރެއެއް ނޫނެވެ. އެކަމަކު އެއީ، މީހަކު ،މީހަކަށް މަސައްކަތެއް ކޮށްދިނުމުން، އެކުރި މަސައްކަތުގެ އަގު ދެވޭގޮތަށް، މާތްﷲ ރޯދަވެރިންނަށް ދެއްވާ ސަވާބެވެ. ނުވަތަ އަޖްރެވެ.
މިމަތިވެރި ސަވާބު ލިބޭނީ ކޮންކަހަލަ ރޯދަވެރިންނަކަށްތޯއެވެ؟
ރޯދަ ހިފާ ވަރަށްގިނަ ބަޔަކު އުޅެއެވެ. ނަމަވެސް މިސަވާބު ޙައްޤުވާ ރޯދަވެރިން ވަރަށް މަދެވެ. އެއީ ޙަޤީޤީ ރޯދަވެރިންނެވެ. ޙަޤީޤީ ރޯދަވެރިންނަކީ އެމީހުންގެ ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި، ބަނޑާއި ބަނޑުގައިވާ ހުރިހާ ގުނަވަންތަކަކުންނާއި، އަތާއި ފަޔާއި ، ހަށިގަނޑުގެ އެންމެހައި ގުނަވަންތަކަކުން ރޯދަހިފާމީހުންނެވެ.
ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުން ރޯދަހިފާމީހާ ،ދުލުންނާއި ލޮލުންނާއި ކަންފަތުންނާއި ސިކުނޑިން ރޯދަހިފާނެއެވެ. އޭނާގެ ދުލުން އެއްވެސްމީހަކަށް ގޯނާއެއް ނުކުރާނެއެވެ. އޭނާގެ ދުލުން މީހެއްގެ އަބުރަކާ ނުބެހޭނެއެވެ. އޭނާގެ ދުލުން އަބަދުވެސް ނުކުންނާނީ ހެޔޮބަސްތަކެވެ. ފައިދާހުރި ބަސްތަކެވެ. މީހުން އެއްގަލަށް އެރުވުމުގެ ބަސްތަކެވެ. ފިތުނަފަސާދަ އުފެއްދުމެއް ނެތް ބަސްތަކެވެ.
އޭނާގެ ބުއްދީގެ ބޭނުންކުރާނީ ރަނގަޅު ކަންތައްތަކާމެދު ވިސްނާ ރޭވުމަށެވެ. ނުބައި ކަމަކަށް ރޭވުމަށް ނުވަތަ ނުބައިކަމަކަށް ޚިޔާލުދިނުމަށް އޭނާގެ ސިކުނޑިގެ ބޭނުމެއް ނުކުރާނެއެވެ.
އޭނާގެ ބަނޑަށް އެތެރެކުރާނީ ޙަލާލު ކާއެއްޗެއްސާއި ބޯއެއްޗެއްސެވެ. ތަންތަނުން ވަގަށްނަގައިގެން އޭނާ ކައިބޮއެއް ނަހަދާނެއެވެ. މީހުންގެ މުދާ ބާޠިލު ގޮތުގައި ކައެއް ނަހަދާނެއެވެ. ޙަޤީޤީރޯދަވެރިޔާ އޭނާގެ މުޅި ހަށިގަނޑުން ރޯދަހިފާނެއެވެ.




ގުޅުންހުރި