ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އެގޮތުން މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ، ކައުންޓަރުތަކުން މިއަދު ވަނީ ޒަކާތް ބަލައި ގަންނަން ފަށައިފަ އެވެ

މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތައް:

  • 22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
  • 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް

މޯލްޑިވްސް ޒަކާތް ހައުސް އިން ބުނީ، އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެން ކަމަށެވެ. އަދި ނަގުދު ފައިސާ އިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެކަމަށްޓަކައި ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލް ކަމަށްވެސް ބުންޏެވެ.

ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފަ އެވެ. އެގޮތުން ޖުމުލަ ހަތް އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނީ ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށެވެ.

މި ރޯދަމަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތައް:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ