ކައުންސިލުތަކުގެ ޒިންމާއަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން: ހަލީމް 

ކައުންސިލުތަކުން ޖެހޭނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސްއޫލިއްޔަތު ނުހިމެނޭ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔައިލުމުން ވެސް ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާއަކީ ކައުންސިލުތަކުގެ ޒިންމާއެއް ކަމަށް ބަޔާންކުރާ މާއްދާއެއް ފެނިފައިނުވާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާއާ ހަވާލުވާން ޖެހޭ މުއައްސަސާއަކީ ކައުންސިލުތައް ކަމަށާއި އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭނީ ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގައި ވެސް މަސައްކަތްތައް ކުރުމަށް ކޮމިޓީތަކެއް ހަދާފައި ހުންނަ ކަމަށާއި ނަމަވެސް އެ ކޮމިޓީތަކުން ނިންމާ ނިންމުންތައް ރިޕޯޓުކުރަން ޖެހެނީ މޭޔަރަށް ކަމަށެވެ. އަދި އެކަމެއް ފުރިހަމަކުރެވެން އޮންނަނީ މޭޔަރު އެގޮތަކަށް ނިންމައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މަޝްރޫއުތައް ހިންގުމަށާއި ގާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކައުންސިލުތަކެއް މުހިންމު ކަމަށް ހަލީމް ވިދާޅުވިއެވެ.