އަހަރެންނަކީ އުމުރުން 19 އަހަރުގެ ޒުވާނަކީމެވެ. އަހަރެންނަށް އަހަރެންގެ މައިންބަފައިންގެ ފަރާތުން ރަނގަޅު ތަރުބިއްޔަތެއް ލިބިފައެއް ނުވެއެވެ.
އަހަރެން ކުޑައިރު އަހަރެންނަށް ކުށެއް ކުރެވިއްޖަނަމަ ބައްޕަ އަހަރެންގެ ގައިގައި ތަޅައި މަލާމާތްކޮށް ހަދައެވެ. ނަސޭހަތް ދިނުމުގެ ބަދަލުގައި އަބަދުވެސް އަހަރެންނާ ދިމާއަށް ހުތުރު ބަސްތަކުން އެއްޗިހި ގޮވައެވެ. ދުވަހަކުވެސް އަހަރެންނަށް މަގު ދައްކައިދިން ހަނދާނެއް ނެތެވެ.
އަހަރެން މިސްކިތަށް ގެންގޮސް އިސްލާމްދީނާ ގުޅޭ އެއްވެސް އެއްޗެއް ކިޔަވައިދިން ހަނދާނެއް ނެތެވެ. އަހަރެން ސްކޫލަށް ދިޔައިރު، އަހަރެން ކިޔަވަނީ ކޮން ގްރޭޑެއްގައި ކަމެއް ބައްޕައަކަށް ނޭނގެއެވެ. އަހަރެންނާ އެއްވެސް ވަރަކަށް ސުވާލެއް ނުކުރެއެވެ. އެންމެފަހުން އަހަރެން ސްކޫލުން ވަކިވާން ޖެހުނީ ސްކޫލަށް ބޭނުންވާ އެއްވެސް އެއްޗެއް ހޯދައިދޭނެ މީހަކު ނެތި އެކަމުގެ ހިތްދަތިކަމުންނެވެ. އަހަރެންގެ ޝަހުސިއްޔަތު ބަލިކަށިވެ، ހުރިހާ ގޮތަކުން ވެސް އަހރެން ހުރީ ބަލިކަށިވެފައެވެ. އަހަރެން ނަމާދު ކުރުން ހުއްޓާލީ ނަމާދުގައި ކިޔާ އެއްޗެއްވެސް ދަސްވެފައި ނެތީމައެވެ.
އަހަރެންގެ ކިބައިގައި އެތައް ގޯސް އާދަތަކެއް ވަނީ ހަރުލާފައެވެ. ކީރިތި ޤުރުއާން ކިޔަވާކަށް ނޭނގެއެވެ. ކީރިތި ރަސޫލާގެ ޙަދީޘްތަކާ ބެހޭ އެއްވެސް އެއްޗެއް ނޭނގެއެވެ. މިއަހަރުގެ ރޯދަމަސް އައުމުން ރަނގަޅުމީހަކަށް ވުމަށް ހިތްއެދެމުން ދިޔައެވެ.
އަހަރެންގެ ސުވާލަކީ ކީރިތި ޤުރުއާނާއި ސުންނަތު ދަސްކުރަން ނުވަތަ އެމަގަށް ވާސިލުވެވޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ޝަހުސިއްޔަތު ބަދަލުކުރަން އަހަރެން ބޭނުންވި ނަމަވެސް އެކަން ކުރާނެގޮތެއް އަދި ކިހިނެއް ކަމެއް ނޭނގެ އެވެ. އަހަރެން ބޭނުންވަނީ، ތިޔަބޭފުޅުންގެ ލަފަޔާއި އިރުޝާދު، ލިބުމަށެވެ. އަދި މިކަންކަމާ ބެހޭގޮތުން އެ ވާހަކަދައްކާލާ މިކަމަށް މަގެއްހޯއްދަވާ ދެއްވުމެވެ. މާތް الله ތިބޭފުޅުންނަށް ހެޔޮ ދަރުމަ ދެއްވާށިއެވެ.
ޖަވާބު
ތެދުވެރިކަމާއެކު ތިފަރާތުގެ ވާހަކަތައް ޙިއްސާކޮށްދިނުމަކީ ރަނގަޅު މީހަކަށްވުމަށް އަޒުމްކަނޑައަޅައިގެން ހުރިކަމުގެ ރީތި މިސާލެކެވެ. އެންމެ ފާހަގަ ކުރެވުނު އަދި އެންމެ ރަނގަޅު ކަމަކީ ތިބާއަށް ތިބާގެ ދީނީ އަދި ދުނިޔަވީ ކަންކަމުގައި އިޞްލާޙު ކުރަން ޖެހޭ ކަންކަމެއް ހުރިކަން އަމިއްލައަށް ވިސްނައިގަނެވުނު ކަމެވެ. ތިބާއަކީ ރަނގަޅު މަގު ހޯދަން ބޭނުންވި ޒުވާނެއްކަން އަމިއްލައަށް ވިސްނަމުންދާކަން އެނގުނުކަމެވެ.
ހެޔޮމަގަށް ވާޞިލްވުމަކީ ދަތިކަމެއް ނޫނެވެ. ދީނީ ޢިލްމުވެރިން މިކަމަށް ގިނަ ގޮތްގޮތް ވިދާޅުވެދެއްވާފައި އެބަވެއެވެ. އޭގެތެރޭގައި އަންނަނިވިކަންކަމަށް ސަމާލުކަން ދޭށެވެ.
- ފުރަތަމަ ކަމަކީ ﷲއަށް ތެދުވެރިވާށެވެ. ތިބާ اللَّه އަށް ތެދުވެރިވާނަމަ، އެކަލާނގެ ތިބާ އެދޭކަންތައް ފުއްދަވައިދެއްވާނެކަން ކަށަވަރެވެ. އެހެނީ ތެދުވެރިކަމުގެ ނަތީޖާއަކީ ރަނގަޅު ނަތީޖާއެކެވެ. ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އެކުވެރިއެއްގެ އަރިހުގައި ވިދާޅުވެފައި ވެއެވެ: ”ތިބާ اللَّه އަށް ތެދުވެރިވާނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ތެދުވެރިވާނެއެވެ.
- ދެވަނައަށް ދުޢާކުރުން އިތުރުކުރާށެވެ! ﷲއީ މޮޅަށް އައްސަވާވޮޑިގެންވާ، ގިނަގިނައިން އިޖާބަދެއްވާ ރަސްކަލާނގެއެވެ. އެކަން އަލްބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާ އަންގަވާފައިވެއެވެ. “ އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤالކޮށްފިނަމަ، ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ އެއުރެންނާ ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرةއަށް دعاءކޮށްފިނަމަ دعاءކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން އެބަހީ: ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަންރަސްކަލާނގެއަށް إيمانވާހުށިކަމެވެ! އެއީ އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.“ ވީމާ ގިނަގިނައިން ﷲ ހަނދުމަކޮށް ހެޔޮ ދުޢާކުރާށެވެ.
- ތިބާގެ އަމިއްލަ نفس އަށް ތެދުމަގަށް އެދި دعاء ކުރާށެވެ! އަދި ތިބާގެ ބައްޕައަށްޓަކައިވެސް ހެޔޮދުޢާ ކުރާށެވެ. ބައްޕައަކީ ހެޔޮލަފާ މީހެއްކަމުގައި ލެއްވެވުމަށާއި ރަނގަޅު ވިސްނުން ދެއްވުންއެދި މާތް الله އަށް دعاء ދަންނަވާށެވެ. އަދި މީހަކު ތިބާއާމެދު ގޯސްކަމެއް ކުރިނަމަވެސް އެމީހާއަށް މާފުކުރާށެވެ!
- މާތް الله އަށް ކިޔަމަންތެރިވެ، ނަމާދު ކުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެހެނީ ނަމާދަކީ ތިބާގެ ދީނާއި ތިބާގެ ދުނިޔަވީ ކަންކަމާ މެދު ވިސްނައިދޭ ނޫރެވެ. އެއީ ކުރެވޭ ވަރުގަދަ ޖިހާދެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިމަންރަސްކަލާނގެ މަގުގައި جهادކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسانތެރިންނާ އެކުގައިކަން ކަށަވަރެވެ.
- ރަނގަޅު ޢިލްމެއް ހޯދުމަށް މަސައްކަތް ކުރުމަށްޓަކާ ހެޔޮލަފާ މީހުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވާށެވެ. އަދި ހެޔޮލަފާ މީހުންނާ އެކު އުޅެ އެކުވެރިކަން ބާއްވާށެވެ. އެއީ ތެދުމަގުގައި ސާބިތުވެ ހުރުމަށާއި ހެޔޮކަންކަން ކުރުމަށް މަގުފަހިކޮށްދޭނެ ކަންކަމަށްވާތީއެވެ.
- ކިޔަމަންތެރިކަމަކީ އުފާވެރިކަމުގެ މަގަށް ނުވަތަ ރަނގަޅު މަގަށް ވާސިލުކޮށްދޭ ކަމެއް ފަދައިން، ނުކިޔަމަންތެރިކަމަކީ ދުނިޔެއާއި އާޚިރަތުގެ މުޞީބާތްތަކަށް ވާޞިލުކޮށްދޭ މަގުވެސް މެއެވެ. މިކަމާމެދުވެސް ވިސްނާށެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވަނީ: ”މުއުމިނަކު ފާފައެއް ކޮށްފިނަމަ އޭނާގެ ހިތުގައި ކަޅުކުލައިގެ ތިއްކެއް ޖެހިގެންދާނެއެވެ. އޭނާ ތައުބާވެ، އެކަންތައް ފޮހެލައި، ފާފަފުއްސެވުމަށް އެދިއްޖެނަމަ، އޭނާގެ ހިތް ތާހިރުވެދެއެވެ. ނަމަވެސް އެކަންތައް އިތުރުވެއްޖެނަމަ،ނުވަތަ އެފަދަ ފާފަކުރުންމަތީ ހުރެއްޖެނަމަ، އެއީ މާތް الله އެކަލާނގެ ފޮތުގައި ބަޔާންކުރައްވާފައިވާ ފަދައިން މުޑުދާރު މީހެކެވެ. އެ ނުބައި عمل ތަކުގެ ތެރޭގައި ތައުބާނުވެ ދެމިހުރެއްޖެނަމަ އެމީހެއްގެ ހިތަކުގައި ދަބަރުޖަހާ ހުށިކަމެވެ. ވީމާ ފާފަކުރުމާ ދުރުވާށެވެ.
- އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހް ވިދާޅުވެފައިވެއެވެ. ”ހެޔޮކަމަކީ މޫނުމަތި އުޖާލާކޮށް، ހިތްތަކަށް އަލިކަމާއި، ރިޒުގުގެ ތަނަވަސްކަމާއި، ހަށިގަނޑަށް ބާރުގަދަވެ، މީސްތަކުންގެ ހިތްތަކުގައި ލޯބި ގެނެސްދޭ ކަމެކެވެ.“ ނުބައި ޢަމަލުގެ ސަބަބުން މޫނު އަނދިރިވެ، ހިތް އަނދިރިވެ، ހަށިގަނޑުގެ ބަލިކަށިކަމާއި، ރިޒުގުގެ ދަތިކަމާއި، މީސްތަކުންގެ ހިތްތަކުގައި ނަފްރަތު އުފެދެއެވެ.
- އެކުވެރިޔާއެވެ. މާޒީ ގެ ހަނދާންތަކުން ތިމާ ބަލިކަށި ނުވާށެވެ. އަދި އެއީ ތިމާގެ ނިމުން ކަމުގައިވެސް ނުބަލާށެވެ. ހެޔޮކަން ތިޔަވަނީ އައިސް ތިބާގެ އަތުގައި ހިފާފައެވެ. ދެން އެ ހެޔޮކަން ނުވަތަ ހެޔޮވިސްނުން ދޫކޮށް ނުލާށެވެ. ﷲ ގެ މަގަށް އަންނާށެވެ. ހުރިހާ އުފަލަކާއި ބާއްޖެވެރިކަމެއް ލިބެން އޮތީ އެމަގުގައި ސާބިތުވެ ހުރެގެންނެވެ.




ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ