ކުޑަކުދިން ހުކުރު ހުތުބާއަށް ޝައުގުވެރިކަން އުފައްދަން ކުއިޒްއެއް، އެއްވަނައަށްދާ ކުދިން އުމްރާއަށް!

ކުޑަކުދިން، ހުކުރު ހުތުބާއަށް ދޭ ސަމާލުކަން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ގައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް އިސްލާމިކް މިނިސްޓްރީން އިފުތިތާހުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ”ހުކުރު ހުތުބާ ކުއިޒް“ގެ ނަމުގައި މިއަދު އިފުތިތާހު ކުރި އެ ކުއިޒުގެ މަގުސަދަކީ ހުކުރު ހުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމާއި ހުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މައުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ހުތުބާގެ މައުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫހު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުން ކަމަށެވެ.

”އޯޕަން ބުކް“ މެތަޑަށް ކުރިއަށް ގެންދާ އެ ކުއިޒަކީ އުމުރުން ހަތް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލާފައިވާ މުބާރާތެކެވެ. ނަމަވެސް މުބާރާތުގެ ބައިވެރިން ވަނީ ތިން އުމުރުފުރާއަކަށް ބަހާލައިފަ އެވެ. އެއީ ގްރޫޕް އޭ (7-9 އަހަރު)، ގްރޫޕް ބީ (10-12 އަހަރު) އަދި ގްރޫޕް ސީ (13-15 އަހަރު) އެވެ

ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށެވެ. ކުއިޒް ހުޅުވާލާނީ ކޮންމެ ހަފުތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ

މި ކުއިޒުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީން މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަންނަންޖެހެ އެވެ. މިނިސްޓްރީން ބުނިގޮތުގައި އެ ގުރޫޕަށް ކޮންމެ ހުކުރު ހުތުބާއެއް ލާނެ އެވެ އަދި ކުއިޒްއާބެހޭ އިތުރު މައުލޫމާތުވެސް ދޭނެ އެވެ.

މި ކޮމިއުނިޓީ ގްރޫޕުގެ ލިންކަކީ: https://invite.viber.com/?g2=AQAbinPB6xYicFYdNriAFZqhSTqTNphujAPtv9QieMHhq25fJVzTH%2BZNaL7bXwz%2B

މިނިސްޓްރީން ބުނީ، މިއީ އޯޕަން ބުކް ކުއިޒަކަށްވާތީ، މުބާރާތުން ވަނަވަނައަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ 90 ޕަސެންޓަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިން ކަމަށެވެ. އަދި މާކްސް އެއްވަރުނަމަ އެ ކުދިންގެ މެދުގައި މެދުގައި ގުރުއަތު ނަގާނެ ކަމަށް ބުންޏެވެ.

މި ކުއިޒްގައި ކޮންމެ އުމުރުފުރައަކުންވެސް އެއްވަނައަށް ދާ ކުއްޖަކަށް ދޭން ނިންމާފައިވަނީ އުމްރާ ދަތުރެކެވެ. ދެވަނައަށް ދާ ކުދިންނަށް 1،000 ރުފިޔާ އަދި ތިންވަނައަށްދާ ކުދިންނަށް 500 ރުފިޔާ ދޭނެ އެވެ.