ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސ)ީގެ މެންބަރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު މިއަދު އައްޔަންކޮށްފި އެވެ.
ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، ޖޭއެސްސީއަށް ޝަފީއު އައްޔަން ކުރަން އެ ކޯޓުން ނިންމީ މިދިޔަ ޖެނުއަރީ 8 ގައެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު މިއަދު އަރުވާފައި މިވަނީ އެ މަގާމަށް އައްޔަންކުރަން އިންތިހާބު ކުރިތާ 45 ދުވަސް ފަހުންނެވެ.
ރައީސްގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ޝަފީއުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުހައްމަދު ސަލީމް އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ޝަފީއުއާ ހަވާލުކޮށްދެއްވައިފަ އެވެ.
ފަނޑިޔާރު ޝަފީއުއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ (އެލްއެލްބީ) އާއި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ފަނޑިޔާރު ޝަފީއު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ 27 އޮކްޓޫބަރު 2013 ގައެވެ. އެއީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމަށެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަފީއު އައްޔަން ކުރެއްވީ 20 އޮކްޓޫބަރު 2020 ގައެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އެއް އަހަރު ދުވަހު، ފަނޑިޔާރު ޝަފީއު ހިމެނިވަޑައިގެންނެވި އެވެ.
ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލުކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.




ގުޅުންހުރި
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން