ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަވެރިން ވެސް ޕީއެންސީއާ ގުޅެންޖެހޭ ކަމަށާއި ކާމިޔާބު ހޯދާ ޕާޓީއަކީ ޕީއެންސީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެ ދަތުރުކުރަމުން މިދަނީ ހެޔޮ އަމާޒަކަށް ކަމަށެވެ.
ދީނީ، އިޖުތިމާއީ، އަދި އިގުތިސާދީގޮތުން ވެސް ދަމަހައްޓަމުންދާ ހެޔޮ ދުވަސްތައް ދެމެހެއްޓުމަށްޓަކައި ކައުންސިލުތަކަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށާއި ތިނަދޫ ސިޓީއަށް ބަލައިލި ކަމަށްވިޔަސް، އެ ތަރައްގީ ގެނެސްދެއްވި ބޭފުޅަކީ ރައީސް މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.
”ސިޔާސީގޮތުން އެހެން ފަޅިއެއްގައި ތިއްބެވި ބޭފުޅުން ވެސް މި ފަޅިއާ ގުޅިވަޑައިގަންނަވާށޭ. މިއީ ފަޅިއަކީ. އިރާދަކުރެއްވިއްޔާ މި ފަޅި ކުރި ހޯދާނީ. މި ފަޅިއަށް ނަސްރު ލިބޭނީ އިރާދަކުރެއްވިއްޔާ މި އިންތިހާބުގައި. މިއީ އަޅުގަނޑުމެންގެ ގޮވާލުމަކީ،“ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައީސް މުއިއްޒު ތިނަދޫ ސިޓީއަށް ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާ ކަމަށާއި ޕީއެންސީގެ ފަރާތުން ތިނަދޫގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު އަޖީބަކީ ޖަވާހިރެއް ކަމަށެވެ.
ޕީއެންސީގެ ބަދަހިކަމާއެކު މަސައްކަތްކޮށްފިއްޔާ އެންމެ ގިނަ ވޯޓުން ހޮވޭނެ ބޭފުޅަކީ އަޖީބު ކަމަށާއި އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފިއްޔާ ޕީއެންސީއަށް ކާމިޔާބު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



