އިނގިރޭސި ރަސްކަމުގެ ތަރުތީބުން އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ އުނިކުރުމަށްޓަކައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ ރަަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު، އެންޑްރޫ މައުންޓްބެޓަންގެ ޝާހީ ޝަރަފު އުނިކުރަން ނިންމާފައިމިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއްބޭއްވުމުގެ އިތުރުން އިނގިރޭސި ސަރުކާރުގެ މުހިންމު ލިޔެކިޔުންތަކެއް އެޕްސްޓީންއާ ޙިއްޞާކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކެއް ތަހުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ދާދި ފަހުން އެމެރިކާއިން ޙިއްޞާކޮށްފައިވާ އެޕްސްޓީންއާ ގުޅުންހުރި އެތައް މިލިއަން ލިޔުންތަކުގައި ވާގޮތުން އިގިރޭސި ސަރުކާރުގެ ވިޔަފާރިއާ ބެހޭ މަންދޫބެއްގެ ގޮތުގައި 2010ވަނަ އަހަރު އެންޑްރޫ ހުންނެވިއިރު ވިއެޓްނާމާއި ސިންގަޕޫރާއި ބައެއް އެހެން ތަންތަނަށް ކޮށްފައިވާ ރަސްމީ ދަތުރުތަކާ ގުޅޭ ރިޕޯޓުތައް އެޕްސްޓީންއާ ޙިއްޞާ ކޮށްފައިވައެވެ. އަދި ފެބްރުއަރީ މަހުގެ 19ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައި މި ވަނީ އިނގިރޭސިވިލާތުގެ ތޭމްސް ވެލީ ފުލުހުންނެވެ.
ރަސްކަމުގެ ތަރުތީބުން އެންޑްރޫ އުނިކުރުމަށްޓަކައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އިނގިރޭސި ސަރުކާރުން މިހާރު ކުރަމުންގެންދާއިރު އަދިވެސް އޭނާ ހުރީ ރަސްކަމުގެ ތަރުތީބުގެ އަށްވަނައިގައެވެ.
އެންޑްރޫ ހައްޔަރުކުރުމާ ގުޅިގެން ރަސްގެފާނު ޗާލްސް ވިދާޅުވީ، ”މިހާރު ދެން އޮތީ މައްސަލަ އެކަށީގެންވާ ގޮތެއްގައި އަދި ކަމާބެހޭ އިދާރާތަކުން ފުރިހަމަ، އިންސާފުވެރި އަދި ރަނގަޅު ނިޒާމެއްގެ ތެރެއިން ތަހުގީގުކުރުމުގެ މަރުހަލާ“ ކަމަށެވެ.
ބޮޑުވަޒީރުގެ ޗީފް ސެކްރެޓަރީ ޑަރެން ޖޯންސް ހޯމަ ދުވަހު މެންބަރުންނަށް ވިދާޅުވީ، ރަސްކަމުގެ ތަރުތީބާ މެދު މިވަގުތު ފިޔަވަޅެއް އެޅުމުގެ ފުރުސަތު ސަރުކާރުން ބަންދުނުކުރާ ކަމަށެވެ.
ރަސްކަމުގެ ތަރުތީބުން އެންޑްރޫ އުނިކުރުމަށްޓަކައި ޕާލަމެންޓުގެ ދެ މަޖިލީހުން ފާސްކުރާ ގާނޫނެއް ބޭނުންވާނެއެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށޭނީ ރަސްގެފާނުގެ ރުހުން ލިބުމުންނެވެ.
އިގިރޭސި ޕާލަމެންޓުގެ ގާނޫނަކުން އެންމެ ފަހުން ރަސްކަމުގެ ތަރުތީބުން މީހަކު އުނިކޮށްފައިވަނީ 1936 ވަނަ އަހަރުއެވެ. އެއީ ކުރީގެ އެޑްވަަޑް އަށްވަނަ، ރަސްކަން ދޫކޮށްލެއްވުމާ ގުޅިގެން އޭނާއާއި އޭނާގެ ދަރިފަސްކޮޅު އެ ތަރުތީބުން އުނިކުރި ފަހަރެވެ.



