ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ގެއެއްގެ ރުކަކުން ވަގަށް 26 ކުރުނބާ އެޅި މީހަކު ޖަލަށް ލާން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހަކަށެވެ. އޭނާއަށް ވައްކަންކަންކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ 25 އޮކްޓޫބަރު 2025 ދުވަހުގެ ރޭ, ކުޅުދުއްފުށީ ގެއަކަށް ވަދެ, އެ ގޭގެ ގޯތިތެރޭގައި ހުރި ރުކަކުން 26 ކުރުނބާ ވަގަށް އަޅާފައިވާތީ އެވެ.

އެ ދައުވާގެ އިތުރުން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލި އެވެ. މި ދެ ދައުވާއަށްވެސް ދައުވާ ލިބުނު މީހާ ވަނީ އިއުތިރާފުވެފަ އެވެ. އަދި ކުށުގެ އަދަބު ވީހާވެސް ބޮޑަކަށް ލުއިކޮށްދިނުމަށާއި އެގޮތުން ޖޫރިމަނާކުރުމުގެ އަަދަބަކަށް ބަދަލުކޮށްދިނުމަށް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބުނު މީހާ އެދުނެވެ.

ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒުކުރި އެވެ. ސަބަބެއް ކަމަށް ދައުލަތުން ކޯޓުގައި ބުނީ, އެ ބާވަތުގެ ގިނަ ދައުވާތަކެއް ދައުވާ ލިބޭ ފަރާތުގެ މައްޗަށް މީގެ ކުރިން ސާބިތުވެފައިވާތީ އާއި މި މައްސަލަ ހުށަހެޅި ފަހުންވެސް މި ބާވަތުގެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވުމެވެ.

މި ދެ މައްސަލައިގެ ތެރެއިން، އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ދައުވާގެ އަދަބެއް ގޮތުން ކޯޓުން އެ މީހާގެ މައްޗަށް އިއްވީ، އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ވައްކަމުގެ ކުށް ސާބިތުވެ، ވައްކަމުގެ ހުކުމެއްގެ ގޮތުގައި އިއްވީ، ތިން މަހާއި 10 ދުވަހުގެ ހުކުމެކެވެ. އެއީ، މި މައްސަލައާ ގުޅިގެން އެ މީހާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމަށް ފަހު ދެން ބާކީ އޮތް މުއްދަތެވެ.