ދުނިޔޭގައި މާ މާތްވެގެން އުޅުނު މީހުން، އާޚިރަތުގައި ނަރަކައަށް!

ހެޔޮ ޢަމަލެއް ކުރަންވާނީވެސް ﷲ އަށް ޚާލިޞް ނިޔަތާއެކުގައެވެ. ބޭރު ފުށުންނާއި އެތެރެފުށުންވެސް އިޚްލާޞްތެރި ކަމާއެކުގައެވެ. ބޭރުފުށުން ވަކި ގޮތެއް އެތެރެފުށުން ވަކިގޮތަކަށް ނިޔަތް ހުރުމަކީ މުނާފިޤުންގެ ގޮތެކެވެ. އަދި އެއީ ގަދަވެގެންވާ ޢަޛާބު ލިބޭނެ ކަމެކެވެ.

1. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނިޔާ ކަނޑައެޅުއްވޭހުށީ ތިން މީހަކަށެވެ: (ފުރަތަމައީ) ޝަހީދުވެ ދިޔަ މީހެކެވެ. ފަހެ އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައިދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތްތައް ދަނެ އެއަށް އިޢުތިރާފު ވާނެތެވެ. ދެން އޭނާއަށް އަންގަވާނެތެވެ. ކަލޭ އެ ނިޢުމަތްތަކުން ކުރީ ކީއްހެއްޔެވެ؟ ދަންނަވާނެއެވެ. މިއަޅާ ޝަހީދު ވެއްޖައުމަށް ދާންދެން އިބަ ﷲ އަށްޓަކައި ހަނގުރާމަ ކުރީމެވެ. އަންގަވާނެތެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އެކަމަކު ކަލޭ ހަނގުރާމަކުރީ، ކަލެއަކީ ހާދަ ހިއްވަރުގަދަ މީހެކޭ ބުނުވުމަށްޓަކައެވެ. ފަހެ އެ ފަދައިން ބުނެވިދިޔައެވެ. ދެން އޭނަޔާމެދު އަމުރުފުޅު ކުރެއްވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.

ﷲގެ މަގުގައި ޖިހާދުކުރާ މީހެއްގެ ސޫރައިގައި އޭނާ ވެފައި، ހަނގުރާމައިގައި ޤަތުލުވެގެން ދިއުމުން ވެސް އޭނާ ނަރަކައަށް އެއްލައިލެވުނު ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ: އޭނާގެ ނިޔަތް އޮތީ ﷲ އަށްޓަކައި ނޫންކަމުގައި ވުމެވެ. އޭނާގެ ނިޔަތަކީ އޭނާގެ ކެރުމާއި ހިއްވަރުގަދަކަން ދެއްކުމެވެ. މީސްތަކުންގެ ތަޢުރީފާއި ސަނާ ހޯދުމެވެ. ދުނިޔޭގައި، އޭނާ އެދުނު ފަދައިން އޭނާއަށް ތަޢުރީފާ ސަނާ ލިބިއްޖެއެވެ. އެހެނަސް ﷲގެ ޙަޟްރަތުގައި އޭނާއަށް ލިބޭނޭ އެއްޗެއް ނެތެވެ.

2. އެފަދަ ދެވަނަ މީހަކީ ކޮބައިކަން އަންގަވައި ދެއްވާ ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

ޢިލްމު އުނގެނި، އެ އުނގަންނައިދީ، ޤުރްއާން ކިޔަވައި އުޅުނު މީހެކެވެ. ދެން އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައިދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތްތައް ދަނެ އެއަށް އިޢުތިރާފު ވާނެތެވެ. ދެން އޭނާއަށް އަންގަވާނެތެވެ. ކަލޭ އެ ނިޢުމަތްތަކުން ކުރީ ކީއްހެއްޔެވެ؟ ދަންނަވާނެއެވެ. އިބަ ﷲ އަށްޓަކައި މިއަޅާ ޢިލްމު އުނގެނި، އެ އުނގަންނައިދިނީމެވެ. އަދި އިބަ ﷲ އަށްޓަކައި ޤުރްއާން ކިޔަވައި އުޅުނީމެވެ. ﷲ އަންގަވާނެއެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އޭގެބަދަލުގައި ކަލޭ ޢިލްމު އުނގެނުނީ، ޢިލްމުވެރިއެކޭ ބުނުވުމަށްޓަކައެވެ. އެކަން އެގޮތަށް ދުނިޔޭގައި ވިއެވެ. އަދި ކަލޭ ޤުރްއާން ކިޔެވީ، ޤާރީއެކޭ ބުނުވުމަށްޓަކައެވެ. ފަހެ އެފަދައިން ވެސް އެކަން ވިއެވެ.ދެން އޭނަޔާ މެދު އަމުރުފުޅު ކުރެއްވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.

3. ދެން އެއަށްފަހު ތިންވަނަ މީހަކީ ކޮބައިކަންވެސް އަންގަވައި ދެއްވާ ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

ﷲ އެ މީހަކަށް ރިޒްޤު ތަނަވަސްކުރައްވައި، މުދާވެރިކަން ދެއްވި މީހެކެވެ. ދެން އޭނާ ގެނެވި، އޭނަށް ދެއްވި ނިޢުމަތްތައް އޭނާއަށް ކިޔައިދެވޭނެތެވެ. ދެން އޭނާ އެ ނިޢުމަތްތައް ދަނެ އެއަށް އިޢުތިރާފުވާނެތެވެ. ދެން އޭނާއަށް އަންގަވާނެތެވެ. ކަލޭ އެ ނިޢުމަތްތަކުން ކުރީ ކީއްހެއްޔެވެ؟ ދަންނަވާނެއެވެ. އެ މަގެއްގައި މުދާ ހޭދަކުރުމަށް އިބަ ﷲ ލޯބިވެވޮޑިގަންނަވާ މަގުތަކުން އެއްވެސް މަގެއްގައި އިބަ ﷲ އަށްޓަކައި މިއަޅާ މުދާ ހޭދަކޮށްފައި ނޫނީ ދޫކޮށެއްނުލަމުއެވެ. ދެން ﷲ އަންގަވާނެއެވެ. ކަލޭ ތިޔަހެދީ ދޮގެކެވެ. އޭގެ ބަދަލުގައި ކަލޭ މުދާ ހޭދަކުރީ، ދީލަތި މީހެކޭ ބުނުވުމަށްޓަކައެވެ. އެކަން ކަލެއަށް ދުނިޔޭގައި ޙާޞިލްވިއެވެ. ދެން އޭނަޔާ މެދު އަމުރުފުޅު ކުރެއްވޭނެތެވެ. ދެން އޭނާގެ މޫނުވަތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެތެވެ.

މި ޙަދީޘަކީ ކޮންމެ މީހަކު ވެސް ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޙައްޖާއި ޢުމްރާ ކުރުމާއި، ޞަދަޤާތް ކުރުމާއި، ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމާއި، ހެޔޮ ކަންކަން ހުއްޓުވައި މަނާކުރުމާއި، ﷲ عز وجل ގެ މަގަށް ދަޢުވަތު ދިނުމާއި، މިހެން ގޮސް ކޮންމެ ހެޔޮ ޢަމަލެއް ކުރާ ހިނދު ވެސް ﷲعز وجل އަށް ނިޔަތް ޚާލިޞްކުރަން ބާރުއަޅާ ޙަދީޘެކެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އޮތީ ތިމާ ހެޔޮ ޢަމަލެއް ކުރާނަމަ އެ ކަން ﷲ އަށް ޚާލިޞްކޮށް، އަބަދު ވެސް ތިމާގެ ނިޔަތާ މެދު ފާރަވެރިވެ ހުރުމެވެ. އަދި ތިމާގެ ކިބައިން ދެއްކުންތެރިކަން ދޫކޮށްލުމެވެ.