ދީނަށް ފުރައްސާރަކުރާ މައްސަލައިގައި އާމިރު ހޯދަން އިއުލާންކޮށްފި 

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދި އަހުމަދު އާމިރު (ބޫގާ)، އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލައިގައި ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހ. ފިލިކުރިގޭ، އުމުރުން 51 އަހަރުގެ އާމިރު ހޯދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބުރޫއަރާ ފަދަ ވާހަކަދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

ނަމަވެސް އާމިރު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ކަމަށާއި އަންނަ މަހުގެ ދިހަވަނަ ދުވަހުގެ 16:00 އަށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވާން އަންގާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާމިރު އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.