މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 1:39 އެހާކަންހާއިރު ބޮޑުތަކުރުފާނުމަގު, ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް އެ މަގުގެ ޕޭވްމަންޓް މައްޗަށް އަރައި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެކްސިޑެންޓުގައި ނިޔާވީ އެ ސައިކަލު ފަހަތުގައި އިން ދިވެހި ފިރިހެން ކުއްޖާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް ނެތް މީހެއް ކަމަށެވެ.



